އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުޒްބަކިސްތާނުގެ ތަޝްކެންޓަށް ވަޑައިގެންފިއެވެ. މި އެސެމްބްލީ ކުރިއަށްދާނީ މިމަހުގެ 5 އިން 9 އަށް ތަޝްކެންޓުގައެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އިތުރުން މައިނޯރިޓީ ލީޑަރ އިބްރާހީމް ނާޒިލް، އަސްމާ ރަޝީދު، ޑޮކްޓަރ އަނާރާ ނަޢީމް، ޢަބްދުﷲ ރިފާޢު އަދި ޙުސައިން އިމްރާން ލަޠީފްބައިވެރިވެވަޑައިގަންނަވައެވެ.
އައިޕީޔޫގެ 149 ވަނަ އެސެމްބްލީގެ މައުޟޫއަކީ ”ސުލްޙަވެރި އަދި ދެމެހެއްޓެނިވި މުސްތަޤުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުން“އެވެ. އެ އެސެމްބްލީގައިވެސް މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، އޯގަސްޓު މަހު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށް ކަންކަން ތަންފީޒު ކުރުމާ ގުޅޭ ގޮތުން އައިޕީޔޫ އިން ޗައިނާގައި ބޭއްވި ސެމިނާރެއްގައިވެސް އަބްދުއްރަހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
1989 ވަނަ އަހަރު އުފެއްދި އައިޕީޔޫއަކީ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެއަށް އައިޕީޔޫގެ މެމްބަރުކަން ލިބިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުއެވެ. މި އެސެމްބްލީގައި ބައިވެރިވުމުން، ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުން އިތުރުވެ، ޤައުމުގެ މަސްލަހަތުތައް ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.

