އދ. ގެ އަންހެނުންގެ ކޮމިޝަނަށް ދިވެހިރާއްޖެ ހޮވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް ސިފަކުރައްވައިފިއެވެ.
ނިއުޔޯކުގައި އިއްޔެ ބޭއްވުނު އިންތިޚާބުން ރާއްޖެ ވަނީ އދ. ގެ އަންހެނުންގެ ކޮމިޝަން (ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން) ގެ 2026 އިން 2030 އަށް އޮންނަ ދައުރަށް ހޮވިފައެވެ. މިއީ މި ސަރުކާރުން ކުރިމަތިލައިގެން ކާމިޔާބުކުރި މިފަދަ ފުރަތަމަ މަގާމެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ހަލީލް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ކުދި ގައުމުތަކުގެ ތެރެއިން އޭޝިޔާ ޕެސިފިކް ގުރޫޕުން މި ކޮމިޝަނަށް ހޮވުނު ފުރަތަމަ ގައުމެވެ. ”މިއީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ހަލީލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީން ދައްކުވައިދެނީ ރާއްޖޭގައި އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ބައިނަލްއަގުވާމީ މައިދާނުން ބަލައިގަނެފައިވާ މިންވަރެވެ. އަދި އެ ސިޔާސަތުތަކުގެ ހަރުދަނާކަމާއި ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަކަންވެސް މިކަމުން ހާމަވެގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ކާމިޔާބީއާ ގުޅިގެން މިނިސްޓަރ ހަލީލް ވަނީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

