މިވަގުތު 44 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އެއާލައިންތަކުގެ ތެރޭގައި އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ގައުމުތަކުގެ އެއާލައިންތައް ހިމެނެއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓުން ދައްކާގޮތުގައި މިއަހަރުގެ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ މާޗު މަހު 194،227 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މާޗު މަހު 203،468 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ޖުމުލަ 632،418 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މާޗު މަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 29 ވަނަ ދުވަހު ކަމަށްވާއިރު، އެދުވަހު 9،605 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، އެންމެ އިސް ސަފުގައި ވަނީ ޗައިނާ (11.7%)، ރަޝިއާ (10.6%) އަދި އިނގިރޭސިވިލާތް (10.3%) އެވެ. މީގެ އިތުރުން އިޓަލީވިލާތާއި ޖަރުމަނުވިލާތުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

