ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމުގައި އަސާސީ ދައުރެއް އަދާކުރާ މުހިންމު މުއައްސަސާއެކެވެ. ޤާނޫނު އެކުލަވާލުމާއި، ދައުލަތުގެ ބަޖެޓު ފާސްކުރުމާއި، ވެރިކަން ހިންގާ ފަރާތް ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު މި މުއައްސަސާއާ މަތިކުރެވިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ ޢާންމު ގޮތެއްގައި ޚިޔާލު ތަފާތުވުން އުފެދޭ މައުޟޫޢެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މެންބަރުންނަށް ލިބޭ މުސާރައަކީ އެ ބޭފުޅުން އަދާކުރާ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު އެކަށީގެންވާ މިންވަރެއް ނޫނެވެ. އެހެން ނަމަވެސް އަނެއްބައި ފަރާތްތަކުން ދެކޭ ގޮތުގައި މި މުސާރައަކީ އެކަށީގެންވާ މިންވަރެކެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސާރައާއި އިނާޔަތާއިއެކު ޖުމްލަ 82,500 ރުފިޔާގެ މުސާރައެއް ލިބެއެވެ. ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ބަލާއިރު މި އަދަދު މަތިކަމަށް ދެކޭ ފަރާތްތަކުން މުސާރަ ކުޑަކުރުމަށް ގޮވާލަމުން ދެއެވެ. މުސާރައިގެ އިތުރުން މެންބަރުންނަށް އެކިއެކި އެލަވަންސްތަކާއި އިނާޔަތްތައްވެސް ލިބެއެވެ.
ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ އަަޅާބަލާއިރު، މަޖިލިސް މެންބަރުންނަކީ އެންމެ މަތީ މުސާރަ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. ނަމަވެސް މެންބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މަސްއޫލިއްޔަތު އަދާކުރެވޭތޯއަކީ ގިނަ ބައެއްގެ ސުވާލެކެވެ.
މެންބަރުންގެ މަސްއޫލިއްޔަތުތަތަކުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުން ހިމެނެއެވެ. ނަމަވެސް މަޖިލީހުގެ އެކި ދައުރުތަކުގައި މި މަސްއޫލިއްޔަތު އަދާކުރެވިފައިވާ މިންވަރަކީ ވިސްނާލަންޖެހޭ ކަމެކެވެ. ބައެއް ޙާލަތްތަކުގައި މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީގެ މަޞްލަޙަތު ކުރިއެރުވުމަށް އިސްކަންދޭ މަންޒަރު ފެނިފައިވެއެވެ.
ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި، ރައްޔިތުންގެ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް މެންބަރުން މަސައްކަތްކުރާ މިންވަރާމެދު ސުވާލު އުފެދެއެވެ. މިއީ މެންބަރުންގެ އަސާސީ ޒިންމާތަކެވެ. މި ޒިންމާތައް އެކަށީގެންވާ ގޮތެއްގައި އަދާނުކުރެވޭނަމަ، މެންބަރުންގެ މުސާރައާމެދު ސުވާލު އުފެއްދުމުގެ ޙައްޤު ރައްޔިތުންނަށް ލިބިގެންވެއެވެ.
މަޖިލިސް މެންބަރުންގެ ޙާޒިރީއަށް ބަލާއިރު، ބައެއް މެންބަރުންގެ ޙާޒިރީ ދަށްވުމާއި، ސަލާންބުނުމާއި، އެކަށީގެންވާ ގޮތެއްގައި މަޖިލީހަށް ޙާޒިރުނުވުން ފަދަ މައްސަލަތައް ފާހަގަކުރެވެއެވެ. މިއީ ހުރިހާ މެންބަރުންނާގުޅޭ ވާހަކައެއް ނޫނެވެ. ނަމަވެސް ޙާޒިރީ ދަށް މެންބަރުންނަކީވެސް ވަކި ދާއިރާއެއް ތަމްސީލުކުރާ، އެތައް ރައްޔިތުންނެއްގެ މަންދޫބުންނެވެ.
މެންބަރުންގެ މަސްއޫލިއްޔަތުތަކަކީ ހަމައެކަނި ވޯޓުލުމާއި ޤާނޫނު ފާސްކުރުމެއް ނޫނެވެ. ދާއިރާ ތަމްސީލުކުރުމަކީވެސް މުހިންމު މަސްއޫލިއްޔަތެކެވެ. މި ގޮތުން ދާއިރާގެ ޙާލަތާއި ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވައިދިނުމާއި، މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި ރައްޔިތުންނަށް ފައިދާހުރި، އިލްމީ ބަހުސްތަކުގައި ބައިވެރިވުން ހިމެނެއެވެ.
އަޅުގަނޑުގެ ހިޔާލުގައި ރައްޔިތުންގެ މަޖިލީހުގެގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަކީ އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާ އެކަށީގެންވާ މިންވަރެއްތޯ ބެލުމަކީ މުހިންމު ކަމެކެވެ. މެންބަރުން އެ ބޭފުޅުންގެ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދޭތޯ ވަޒަންކުރުމަކީ ރައްޔިތުންގެ ޙައްޤެކެވެ. މެންބަރުންގެ ޙާޒިރީއާއި، ދާއިރާ ތަމްސީލުކުރާ މިންވަރާއި، ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަކީ ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މި ކަންކަމަށް ރިޢާޔަތްކޮށް، މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެމެވެ.

