ޣައްޖާގެ ސްކޫލުތަކަށް އިސްރާއިލުން ދިން ވައިގެ ހަމަލާތަކާއި ސައުދީގެ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖަށް ނިސްބަތްވާ މެޑިކަލް ގުދަނެއް ހަލާކުކުރުން ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ނެރުނު ބަޔާނުގައި ބުނެފައި ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް އިސްރާއީލުން ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށެވެ. މިދަފަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ގާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމާއި ބެހޭ ޤާނޫނާ މުޅިން ޚިލާފު އަމަލުތަކެއްކަމަށް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ އިސްރާއީލުން ހިންގާ މިފަދަ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓުވައި، މި ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީކުރުވައި، ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުށްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ތާއީދު ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށް ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއިލުން ކުރަމުންދާ ލާއިންސާނީ އަދި އަނިޔާވެރި އަމަލުތައް ނިމުމަކަސް ގެނައުމަށާއި، ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ އެހީތެރިކަން ދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ އެހެން ގައުމުތަކަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

