ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި ފަރާތެއް ކަމަށެވެ.
ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.

