ބޭރު ފައިސާ މާރުކުރުމުގައި ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. މިގޮތުން ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދަ އޮތް ފަރާތްތަކެއްތޯ ކަށަވަރުކުރުމަށް އާންމުންނަށް އިރުޝާދު ދީފައެވެ.
އެމްއެމްއޭގެ ހުއްދައާއެކު ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މަޢުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ގެއްލުމެއް ލިބުމުގެ ކުރިން މިކަމުގައި ސަމާލުވުމަށް ވަނީ އިރުޝާދު ދީފައެވެ.
ސައިބަރ ކުށްތައް އިތުރުވަމުންދާކަމަށް ފާހަގަކުރެވޭ
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރި ގޮތުގައި ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަމާ ގުޅިގެން ފައިސާ ފޮނުވުމުގެ ކުރިން އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމައެކަނި މެސެޖެއް ލިބުމުން ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.
އެންޓި ސްކޭމް ސެންޓަރު
ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޤާއިމްކޮށްފައެވެ. މި ސެންޓަރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓަމުން ގެންދާނެއެވެ.
ސްކޭމް މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި reportscam@police.gov.mvމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ

