އޮސްޓްރޭލިއާގެ ފްރެމޭންޓަލް-ޕޭތުން ފެށިގެން ދިގު ދަތުރެއްކޮށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި އެމްއެސް މެގްނިފިކާ ކްރޫސްލައިނަރގެ ސީޕޯޓް އެންރޫޓް ކްލިއަރެންސްގެ މަސައްކަތްތައް މޯލްޑިވްސް އިމިގްރޭޝަނުން ނިންމާލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ކްރޫސްލައިނަރ ދިވެހިރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ދިވެހިރާއްޖެއަށް ވާސިލުވެފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. މި ދަތުރުގައި ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑު ހުރަސްކޮށްފައިވާ މި ކްރޫސްލައިނަރަކީ، އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ ސީޕޯޓް އެންރޫޓް ކްލިއަރެންސްއަކަށް ދިވެހިރާއްޖެއަށް ކުރި އެންމެ ދިގު ދަތުރެވެ.
އެމްއެސް މެގްނިފިކާގައި ޖުމްލަ 2،818 މީހުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 1،866 އަކީ ފަސިންޖަރުންނެވެ. އަދި 952 އަކީ ފަޅުވެރިންނެވެ.
މިދިޔަ މާރިޗު މަހު އެކަނި ވެސް 4 ކްރޫސްލައިނަރ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އުޅަނދުތަކުން ޖުމްލަ 5،025 ފަސިންޖަރުންނާއި ފަޅުވެރިންނަށް ސީޕޯޓް ކްލިއަރެންސްގެ ޚިދުމަތް ދީފައިވެއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކްރޫޒްލައިނަރުތަކުގެ އަދަދު އިތުރުވަމުން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.

