ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ވަސީލަތްތަކާ ޖާގައިގެ ގޮތުން ފަހި ސްކޫލް މާޙައުލުތައް ޤާއިމުކޮށްދީ، ޓީޗަރުންނަށް އިތުރު ތަމްރީނާއި ފުރުޞަތުތައް ހޯދައިދީ، ތަޢުލީމީ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށްވެސް ރަނގަޅު މަގުތައް ފަހިކޮށްދީ، ބެލެނިވެރީން ފަޚުރުވެރިވާނެ މަތީ ނަތީޖާތަކެއް ޙާޞިލްކުރެވޭނެ ހުރިހާ އަމާޒަކަށް ވާޞިލުވުމަށް ސަރުކާރުން ހިންމަތް ކުރާނެކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް އެއްވެސް ރަށެއްގައި ހުރި އެއްވެސް ކުއްޖަކު ބާކީވިޔަ ނުދީ ތަޢުލީމު ދިނުމުގެ ޙައްޤު ހަމަހަމަކަމާއެކުއެކު ފޯރުކޮށްދިނުމަށް ސަރުކާރުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެމަނިކުފާނު ދެއްވާފައިވެއެވެ.

މީގެ އިތުރުންވެސް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެންމެ ގުޅިގެން އެއްބާރުލުން ދެއްވުމަށް ރައީސްގެ ޚިޠާބުގައި ވަނީ ބާރުއަޅުއްވާފައިވެއެވެ. އަދި މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. ހަމައެއާއެކު ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލައްވަމުންވެސް އެމަނިކުފާނު އިލްތިމާސް ކުރައްވާފައިވަނީ މުދައްރިސުންނާއި، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ކަމަށްކަމޭ ހީކުރެއްވުމާއިއެކު، އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށެވެ. އަދި ބެލެނިވެރީންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ލޮބުވެތި ދަރީންނަށް ރަނގަޅު ތަޢުލީމާއިއެކު ހަރުދަނާ ތަރުބިއްޔަތެއް ދެއްވުމުގައި އެންމެ ހިނދުކޮޅެއްވެސް ފަރުވާކުޑަ ނުކުރެއްވުމަށެވެ. އަދި ދަރިވަރުންނަށް ދެއްވި ނަސޭހަތަކީ، ކިޔެވުމަށް ޚާއްޞަކޮށް ޢުމުރުގައި ލިބޭ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ބަސްއަހާ ހެޔޮލަފާ ދަރީންތަކެއްކަމުގައި ވުމަށެވެ.

ރައީސް ވަނީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާ ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓުގައިވެސް ތަހުނިޔާ އަދާކުރެއްވުމަށްފަހު ދަރިވަރުންނަށާއި، ބެލެނިވެރީންނަށް، އަދި ހީވާގި މުދައްރިސުންނަށާއި، ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި، ފާގަތި އަހަރެއްކަމުގައި މާތް ﷲ މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: