އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ވަނުން މަނާކުރުމަށް ހުށަހެޅިފައިވާ ބިލުގެ މަސައްކަތް ލަސްވަމުންދާތީ، އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނިންމަވައިފިއެވެ.
މި ނިންމުމާ ގުޅޭގޮތުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތަށް ސީދާ އަސަރުކުރާފަދަ މުހިންމު ކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ މައްސަލައަކަށް ވާންޖެހޭނެ ކަމަށާއި، އަދި އެ މައްސަލައަކީ ސަރުކާރުން އެކަމާމެދު ފިޔަވަޅު އަޅާފައިނުވާތީ، ނުވަތަ އަޅާފައިވާ ފިޔަވަޅަކާމެދު ފާޑުކިޔުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ވާންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މި ޝަރުޠުތައް މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފުރިހަމަނުވާތީ، މި މައްސަލަ މަޖިލީހަށް ބަލައިގަނެވެން ނެތްކަމަށް ރިޔާސަތުން ނިންމެވިއެވެ.
މައުރޫފް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާނެ ކަމަށް ސަރުކާރުން 2024 ވަނަ އަހަރުގެ ޖޫން މަހު އިޢުލާނުކުރި ނަމަވެސް، އެކަން ތަންފީޒުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާކަމެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުގައި ހުއްޓިފައި އޮންނަތާ 9 މަސްދުވަސް ވެގެންދާއިރު، މި ސަރުކާރުން އަދި މި ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އެތައް ބިލަކާއި އެހެނިހެން މަސައްކަތްތައް ހުށަހަޅައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގިނަ ބިލުތަކެއް މި ފާއިތުވެދިޔަ ދުވަސްތަކުގައިވެސް މަޖިލީހުން ފާސްކޮށްފައިވާކަން މައުރޫފްގެ ކުއްލި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި އަހަރު އިޒްރާއީލުގެ ޕާސްޕޯޓުގައި 1,435 މީހަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަކީ ސަރުކާރުގެ ވަޢުދެކެވެ. އިޒްރާއީލުގެ ޕާސްޕޯޓު ބޭންކުރުމަށް ގޮވާލާ ސަބަބަކީ އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލައި، އެ ސަރަޙައްދަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރުމުގެ ގޮތުންނެވެ. މިކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅުނު މައްސަލައިގައި ބަޔާންކޮށްފައިވަނީ، އިޒްރާއީލުގެ ޒަޔަނިސްޓުން މުސްލިމުންނަށް ގެއްލުން ދިނުމަށްފަހު، ރައްކާތެރިކަން ހޯދައި އުފާކުރަން އަންނަ ތަނަކަށް ދިވެހިރާއްޖެ ހެދުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ.

