ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބްރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދަރިވަރުންނަށް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް އެފަދައިން ގޮވާލެއްވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނައިބު ރައީސްގެ މެސެޖްގައި ވަނީ ދިރާސީ އައު އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ލޮބުވެތި ދަރިވަރުންނަށާއި މުދައްރިސުންނަށާއި ބެލެނިވެރީންނަށް އަރިސްކުރައްވާފައެވެ.
މީގެ އިތުރުން، ހިތްވަރާއެކު ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވާފައިވެއެވެ.
ނައިބްރައީސްގެ މެސެޖުގައި މި އަހަރަކީވެސް ދަރީންނަށް ހުރިހާގޮތަކުން ބާއްޖަވެރި އަދި ކާމިޔާބު އަހަރެއް ކަމުގައި ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 7 އޭޕްރީލް 2025 ވީ ހޯމަ ދުވަހުއެވެ. އެގޮތުން ދިރާސީ އަހަރު 2025 ފެށުމުގެ އުފަލުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީ އިތުރުކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ފެށުނު ދިރާސީ އައު އަހަރު، ރައްޔިތުން އެއް ރޫޙެއްގައި ތަޢުލީމީ ދާއިރާގެ ކުރިއެރުމާއި ކާމިޔާބީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ހަމައެއާއެކު ޤައުމީ ނިސްބަތުގައި އަދި ދުނިޔޭގެ ނިސްބަތުގައިވެސް ކުދީން ޙާޞިލްކުރާ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ކުދީންގެ ހުނަރުތައް ތަރައްޤީކުރުމުގައި އެއްބާރުލުން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

