ޑަބަލްކޮށް ޕެންޝަން ދެވިގެން ނުދާނެފަދަ ގޮތަކަށް ދައުލަތުގެ ޕެންޝަން ނިޒާމް ބައްޓަންކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންކޮށްފައިވާ މަސައްކަތްތައް ބަލައި، މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި އެވެ.
ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަޝްވަރާތައް ފެށިއިރު، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް އޭރު އެކަމާއި ގުޅޭ މަސައްކަތްތައް ހިމަނާފައި ހުއްޓެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ މައުލޫމާތުތައް އޮޅުން އަރައި، އެކި ގޮތްގޮތަށް ފެތުރެން ފެށުމުން ވަކި ހިސާބަކުން ޑަބަލް ޕެންޝަންގެ ވާހަކަތައް މަޑުޖެހުނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ކުރިޔަށް ގެންގޮސްފައި ވަނީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށާއި، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރީފޯމް އޮފީހުން މިހާތަނަށް ކުރި މަސައްކަތެވެ. އަދި ޑަބަލް ޕެންޝަން ދެވިގެން ނުދާނެފަދަ ގޮތަކަށް ދައުލަތުގެ ޕެންޝަން ނިޒާމު ބައްޓަން ކުރުމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރި މަސައްކަތްތައް ނުވަތަ ކުރަމުން ގެންދާ މަސައްކަތް ދިރާސާ ކުރުން ހިމެނެ އެވެ.
އިއްޔެގެ ބައްދަލުވުމުގައި ޑަބަލް ޕެންޝަންގެ މައްސަލައާއި އެކު ކުރިމަތިވާ ދަތިތަކާއި، ކުރިޔަށް އޮތް ދުވަސްތަކުގައި މާލީ ގޮތުން ކުރިމަތިވާނެ މައްސަލަތައް ބަޔާންކޮށް ޕެންޝަން އޮފީހުން ތައްޔާރު ކުރި ކަރުދާހެއް ހިއްސާކުރި އެވެ.
އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ ޕެންޝަނާއި ބެހޭ ގާނޫނަށް 2009 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު ސިވިލް ސާވިސް ގާނޫނުގައި ބަޔާން ކުރާ ރިޓަޔަމަންޓް ޕެންޝަން ދޭ ހާއްސަ ގާނޫނަކީ ޕެންޝަން ގާނޫނުކަމަށް ބަލައިގަތުމަށް ދައުލަތުގެ ކަމާއި ގުޅުން ހުރި ފަރާތްތަކުން އިންކާރު ކުރިކަމަށެވެ. އެއާއި އެކު ވަގުތީ ގޮތުން ތައާރަފު ކުރި ރިޓަޔަމަންޓް ޕެންޝަން ބެހޭ އުސޫލުގެ ސަބަބުން ނިކުތް ނަތީޖާއަކީ ނާޒިމް ވިދަޅުވި ގޮތުގައި ޑަބަލް ޕެންޝަނަށް ފުރުސަތު ހުޅުވިގެން ދިއުމެވެ. އަދި އޭގެ ހުރިހާ ބުރައެއް މިވަގުތު ބޮޑުވެފައިވާކަން ވެސް ނާޒިމް ވަނީ ފާހަގަކުރައްވާފަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މި ދެ ގާނޫނުގައި ހުރި ފުށުއެރުންތައް ވެސް ހައްލު ކުރުމަށް ސިވިލް ސާވިސް އާއި ޕެންޝަން އޮފީސް ގުޅިގެން އެކުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމުގައި ސިވިލް ސާވެންޓުންގެ ޕެންޝަނަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށް ނާޒިމްގެ ވާހަކައިގައި ވިދާޅުވި އެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި ނާޒިމް ވަނީ ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ބަދަލުތައް، އޭގެ ފަހުން ވުޖޫދުވެގެން އައި އެހެން މުވައްސަސާތަކާއި ގުޅޭ ގާނޫނުތަކުގައި ވެސް އެބަހުރިކަމަށެވެ. މިސާލެއްގެ ގޮތުން ނާޒިމް ދެއްކެވީ ކަރެކްޝަނާއި ޖުޑިޝަރީ އެވެ. އަދި ފަނޑިޔާރުން ވެސް އުމުރުން 40 އަހަރު ނުވަނީސް ރިޓަޔަރ ކުރުމަށް ފަހު އުމުރު ދުވަހުގެ މުސާރައާއި އިނާޔަތް ނަގަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ބައެއް ޔުނިފޯމު އެޅި އިދާރާތަކުން ވެސް ރިޓަޔާކުރުމަށް ފަހު އެލެވަންސްތައް ނަގައި ދަނީ ސިޔާސީ މަގާމުތަކަށް ގޮސްގެން މަންފާ ނަގަމުންނެވެ.

