ދިރާގުން އިންތިޒާމްކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް އީ-ސްޕޯޓްސް މުބާރާތް ”ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީ.އެމް.ޖީ.ސީ)“ ގެ މޮބައިލް ލެޖެންޑް ކޮލިފަޔަރސްގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 10 އެޕްރިލް 2025 ވަނަ ދުވަހުގެ 23:59 އާ ހަމައަށް ރަޖިސްޓަރީ ކުރެވޭނެއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައި، އޮންލައިން ފޯމެޓެއްގައި ކުރިއަށްގެންދާ މި މުބާރާތުން ޑީ.އެމް.ޖީ.ސީއަށް ކޮލިފައިވާނީ އެންމެ މޮޅު 8 ޓީމެވެ.
މި މުބާރާތުގައި ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 15,000 ރުފިޔާގެ ފައިސާގެ އިނާމް ކަނޑައަޅާފައިވެއެވެ. މިގޮތުން، 1 ވަނަ އަށް ދާ ޓީމަށް 7,000 ރުފިޔާ، 2 ވަނަ އަށް ދާ ޓީމަށް 5,000 ރުފިޔާ އަދި 3 ވަނަ އަށް ދާ ޓީމަށް 3,000 ރުފިޔާ ލިބިގެންދާނެއެވެ.
ޑީ.އެމް.ޖީ.ސީ އަކީ ދިވެހިރާއްޖޭގެ އެންމެ ހުނަރުވެރި ގޭމަރުން އެއްތަނަކުން ފެންނާނެ ޗެމްޕިއަންޝިޕެކެވެ. މި ޗެމްޕިއަންޝިޕްގައި ޕަބްޖީ، ރޮކެޓް ލީގް އަދި އެފްސީ 25 ފަދަ މަޝްހޫރު ގޭމްތައް ކުޅެވޭނެއެވެ. މޮބައިލް ލެޖެންޑްސް ކޮލިފަޔަރސްއަކީ ޑީ.އެމް.ޖީ.ސީއާ ހަމައަށް ދިއުމަށް ހުޅުވާލެވޭ ފުރަތަމަ މުބާރާތެވެ.
ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު dgg.mv ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ

