މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާންކޮށްފިއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 2025 އެޕްރީލް 17 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ”ސަންގު“ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައެވެ. އަދި މިހާރު ކުރަންޖެހިފައިވާ މަސައްކަތްތަކަށް ލަސްވުމެއް ނާންނާނެހެން ކުރިއަށް ގެންދިއުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ހިންގަންޖެހޭ ޕްރޮގްރާމްތައް ކަނޑައެޅުމާއި، އެ ޕްރޮގްރާމްތަކުގެ އަމާޒުތަކާއި މިންގަނޑުތައް އެކަށައެޅުން ހިމެނެއެވެ. މީގެއިތުރުން، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މެންޑޭޓް ތަންފީޒުކުރުމަށް ބޭނުންވާ ކަންތައްތައް މިނިސްޓްރީގެ ސިޔާސަތާ އެއްގޮތަށް އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުންވެސް ހިމެނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި 21,884.00 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12,534.00 ރުފިޔާ މަހަކު ލިބޭނެއެވެ. އަދި މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 2025 އެޕްރީލް 20 އިން 2025 މޭ 15 އާ ދެމެދުގައި ކަމަށް ތެލަސީމިއާ ސެންޓަރުން މަޢުލޫމާތު ދީފައިވެއެވެ.

