2024 ވަނަ އަހަރަށް ވުރެ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފިއެވެ.
ރާއްޖޭގެ ސްޓެޓިސްޓިކްސް ބިއުރޯއިން އާންމު ކުރި ރިޕޯޓުގައި ހިމަނާފައި ހުރި މައުލޫމާތުތަކުގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީގެ އަގު 9.92 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އޭގެ ކުރީ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 7.4 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކޮށްފައި ވެއެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު 2025 ގެ ޖެނުއަރީ މަހުގައި 7 އިންސައްތައިން އުފެއްދުންތެރިކަން އިތުރުވެފައިވާކަމަށް ވަނީ ބުނެފަ އވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވެނީ އެކޮމޮޑޭޝަން އެންޑް ފުޑް ސާވިސަސް ދާއިރާއިންނެވެ. އެ ދާއިރާއިން 3.7 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް ރިޕޯޓުން ދައްކަ އެވެ.
ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ އުފެއްދުންތެރިކަން 1.8 އިންސައްތަ އިތުރުކަމަށްވާއިރު ޓްރާންސްޕޯޓު ދާއިރާ 1.3 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
އެހެންކަމުން މި މުއްދަތުގައި ލިބިފައިވާ ކުރިއެރުމުގެ ފަހަތުގައިވަނީ މި ދާއިރާތައްކަމަށް ބުނެފައިވާއިރު މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 1.8 އިންސައް ދަށަށް ގޮސްފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި މެނުފެކްޗަރިންގެ ދާއިރާއިންވެސް 0.2 އިންސައްތައިން ދަށަށް ގޮސްފައިވާކަން އާންމުކޮށްފައިވެއެވެ.

