މާލެ ސިޓީ ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅު ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިމިވާ ސަރަޙައްދަކީ ހެންވޭރު ފެރީ ޓަރމިނަލް އިން ފެށިގެން މަސްމާރުކޭޓު ސަރަޚައްދާއި ހަމައަށް މަގު ތަރައްޤީ ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ ރިޓަޔަރޑް އަލްފާޟިލް އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރ ޑރ. ޢަބްދުالله މުއްތަލިބެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅަކީ މާލޭގެ އެންމެ ގިނަ މީހުން ބޭނުންކުރާ އެންމެ ބާރުބޮޑު އެއް ސަރަޙައްދު ކަމަށްވާއިރު، އެ މަގު ފުޅާކޮށް ތާރުއަޅާ ނިމުމުން އެ ސަރަޚައްދުގައި ފަސޭހަކަމާއެކު ދެކޮޅަށް ދަތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ.
މީގެ އިތުރުން، އުޅަނދުފަހަރު ޕާކް ކުރާނެ އިތުރު ޖާގަވެސް ލިބިގެންދާނެ ކަމަށާއި، ބޮޑުތަކުރުފާނު މަގުގެ އުތުރުކޮޅުގެ މަސައްކަތް ނިމިގެންދާއިރު ފެންހިންދާ ނިޒާމެއްވެސް ޤާއިމުވެގެންދިއުމާއެކު ވިއްސާރަވުމުން ފެންބޮޑުވާ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ހެދިގެންދާއިރު، 737 މީޓަރުގެ ސަރަޚައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ތާރު އަޅާ ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމްކުރުމާއި، ފެންހިންދާ ނިޒާމެއްވެސް ޤާއިމު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ޑްރޭއިނޭޖް ސަރވިސް ލައިން އެޅުމާއި، މަގު ބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ 144.50 މިލިއަން ރުފިޔާއަށް 455 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

