އެލީޓް ރަނާސްގެ ”ހުޅުމާލެ ރަން“ އަކީ ހަމައެކަނި ޕްރޮފެޝަނަލް ދުވުންތެރިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ ހަރަކާތެއް ނޫންކަމަށް އެލީޓް ރަނާސްގެ ކޯފައުންޑާ އަހްމަދު ޝަރަފު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝަރަފް ވިދާޅުވީ، އެލީޓް ރަނާސްއިން އަންނަ ޖުލައި މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ”ހުޅުމާލެ ރަން“ އަކީ ދުވުމުގެ ހުރިހާ ލެވެލްގެ ފަރާތްތަކަށް ބައިވެރިމުގެ ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.
ހުޅުމާލެ ރަންގެ ދުވުންތައް ކުރިޔަަށް ދިޔުމަށް ކަނޑައެޅިފައިވާ ވަގުތުތައް ހާމަކުރައްވަމުން ޝަރަފަ ވިދާޅުވީ، ހެނދުނު 6 ޖަހާއިރު 5 ކިލޯމީޓަރާއި 10 ކިލޯމީޓަރުގެ ދުވުން ފެށޭނެކަމަށެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ”ކިޑްސް 1 މައިލް“ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:30 ގައެވެ.
ޝަރަފު ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރުމަށްޓަކައި މިފަދަ ދުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާއިރު މުޖުތަމައުގެ އަހުލުވެރީންގެ ފަރާތުން އެއްބާރުލުން ލިބުން ވަރަށް މުހިންމު ކަމަށެވެ.
”ހުޅުމާލެ ރަން“ ހަރަކާތަކީ، ދުނިޔޭގެ ބައިނަލްއަގްވާމީ ދުވުންތެރިކަމުގެ ފެންވަރުގައި ގެންދާ ހަރަކާތެއް ކަމަށާ ހުޅުމާލޭ ރަންގެ ނަމުން ކުރިޔަށް ގެންދަނީ ދިވެހިރާއްޖޭގެ މައި ސިޓީއެއް ގޮތުގައި ހުޅުމާލެ ޕްރޮމޯޓްކުރުމުގެ ގޮތުންކަމަށް ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، އެލީޓް ރަނާސްއިން 5 އަދި 10 ކިލޯމީޓަރުގެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް، އެލީޓް ރަނާސްއިން ހިލޭ ތަމްރީނު ދިނުމުގެ މަސައްކަތްތައް ކުރިޔަށް ދާކަމަށެވެ. އެގޮތުން، އެ އިވެންޓުތަކަށް ދުރާލާ ތައްޔާރުވުމަށް ތަމްރީނު ބޭނުންވާ ފަރާތްތަކުން އެލީޓްރަނާސްގެ އޮފިޝަލް ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީކުރެެއްވުމަށްފަހު، އެލީޓް ރަނާސްއަށް މެސްޖްކޮށްލުމުން ޓްރެއިނިންގ ލިބިގެންދާނެކަމަށް ޝަަރަފު ވިދާޅުވިއެވެ.

