މަޖިލީހުގައި ދައުރެއް އަދާކޮށް ނިންމާލުމަށްފަހު އުމުރުން 55 އަހަރު ފުރުމުން އުމުރަށް އިނާޔަތެއް ލިބިގެންދާ ގޮތަށް އޮތުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި ވާހަކަދައްކަވަމުން މެމްބަރު ޑރ ޝަމްހީދު ވިދާޅުވީ، ޒުވާން އުމުރުގައި ރިޓަޔާރ ކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ލިބިގަންނަމުންދިއުން ހުއްޓުވަންޖެހޭކަމަށެވެ. އަދި އެގޮތަށް ކަންކަން ވަމުންދާނަމަ އެއީ ގޯހެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި އެންމެންވެސް މަސައްކަތްކުރުން މުހިންމުކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގައި މަސައްކަތްކުރަންތިބީ މަދު ބަޔަކުކަމަށާއި ވޯކް ފޯސް ގިނަ ނޫންކަމަށް އަލިއެޅުއްވިއެވެ. އެހެންކަމުން ޒުވާން އުމުރުގައި ރިޓަޔާރކުރުމަށް އެއްވެސް ވަރަކަށް ހިތްވަރު ދެވިގެން ނުވާނެކަމަށާއި ބަލަންވީ ވީހާވެސް ގިނަ ދުވަހަކު މަސައްކަތްކުރެވޭތޯކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، ސިއްހީ ގޮތުން ބަލާއިރު މާ އަވަހަށް ރިޓަޔާރ ކުރުމުން މާ އަވަހަށް މީހާ މުސްކުޅިވެގެންދާތަންވެސް ފެނިގެންދާކަމަށެވެ. އެހެންކަމުން މަސައްކަތްކުރުމުގައި ދެމި ތިބުމަށް ވީހާވެސް ވަރަކަށް ހިތްވަރު ދޭންޖެހޭކަމަށާއި ދިގު މުއްދަތުގައި ހިދުމަތްކުރުމަށް ބާރު އަޅަން ފެނިވަޑައިގަންނަވާކަން ހިއްސާކުރެއްވިއެވެ. ޝަމްހީދު ވިދާޅުވީ، އެކަމާއި ބެހޭ ގޮތުން ދިރާސާތަކެއް ކުރުމަށްފަހު ގޮތްތަކެއް ކަނޑައެޅިދާނެކަމަށެވެ.
މަޖިލީސް މެމްބަރުންގެ މުސާރައިގެ މައްޗަށްވެސް މެމްބަރުވަނީ މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. މެމްބަރު ވިދާޅުވީ، މިވަގުތު އޮންނަނީ ދައުރެއް އަދާކުރުމުން މާ ބޮޑު ބައެއްގެ ގޮތުގައި ކަނޑައެޅި 55 އަހަރުވުމުން މުޅި އުމުރަށް އިނާޔަތެއް ލިބިގެންދާ ގޮތަށްކަމަށެވެ. ނަމަވެސް އެއީ ގޯހެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި މަޖިލީހަށް އައިސް ދައުރެއް އާދާކުރުމަށްވުރެ މާ ބުރަ މަސައްކަތްތަކެއް ކުރާ މީހުން ސިވިލް ސާވިސްގައި ތިއްބެވިކަމަށެވެ. މެމްބަރުވަނީ އެ ފަރާތްތަކަށް ލިބިގެން ނުދާ އެއްޗެއް މެމްބަރުންނަށް ލިބިގެންދާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.

