ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނުފޫޒެއް ނުފޯރުވާނެކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހް މިހެން ވިދާޅުވެފައިވަނީ، އެއްވެސް ސަބަބެއް އަދި އެނގުމެއްނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ ފަހަތުގައިވަނީ ރައީސް މުއިއްޒުކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވުމާއި ގުޅިގެން، އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ތުހުމަތުތައް ދޮގުކޮށް ފަލާހު ވިދާޅުވީ، މަޖިލީސް ނުބޭއްވުމަށް ރައީސް މުއިއްޒު އަމުރުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މަޖިލީސް ރާވައި، ހިންގުމުގެ ޒިންމާ އަދާކުރަންޖެހެނީ ރައީސް މުއިއްޒު ތޯ ސުވާލުކުރެއްވިއެވެ.
ހަމަ ރަނގަޅަށް އިނގިވަޑައިގަންނަވާނެ މަޖިލީހަކީ ފުލޯގަ އެކަނިމަސައްކަތްކުރާ ތަނެއްނޫންކަން އިއްޔެވެސް މިއަދުވެސް ކޮމިޓީތަކުގަ އެތައްމަސައްކަތެއް ހިނގާކަންވެސް އިނގިލައްވާނެ
ފަލާހު ވިދާޅުވެފައިވަނީ، މަޖިލީހުގެ މަސައްކަތްތަކަކީ ހަމައެކަނި މަޖިލީހުގެ ތަޅުމުގެ ހިންގާ މަސައްކަތެެއް ނޫންކަމަށާއި، މަޖިލީހުގެ ތެރޭގައި ކަނޑައެޅިފައިވާ މުހިއްމު ކޮމިޓީތަކުގެ މަސައްކަތްތައް މި ދެ ދުވަހު ވެސް ކުރިޔަށް ގެންދެވުނު ކަމަށެވެ. ފަލާހު ވަނީ މިއަދު މާލިއްޔަތު ކޮމިޓީއިން ބޭއްވި ބައްދަލުވުން ފާހަގަކުރައްވާފަ އެވެ.
ފަލާހު ވިދާޅުވީ، ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ތިއްބެވި ފަރާތްތަކުން ނުފޫޒުފޯރުވަނިވި ގޮތަކަށް އަމަލުތައް ބެހެއްޓިކަމުގައިވީނަމަވެސް، މިހާރުގެ ރައީސް، ރައީސް މުއިއްޒުގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ނުފެންނާނެކަމަށެވެ.

