ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ދަރިވަރަކު ދަސްވެނިވިއްޖެ

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި 19 އެޕްރެންޓިސްއަކަށް މިއަދުގެ ރަސްމިއްޔާތުގައިވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢިލް ޝަފީއުއެވެ. އަދި، މި ރަސްމިއްޔާތުގައި ދިރާގުގެ ބޯޑް އަދި މަނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ތައުލީމީ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޒުވާނުންގެ ވަޒީފާއަދާކުރުމުގެ ހުނަރު ތަރައްގީކުރުމަށް ދޭ އިސްކަމުގެ ދަށުން އެ ކުންފުނިން ހިންގާ އެންމެ މުހިންމު އެއް ސީ.އެސް.އާރު ޕްރޮގްރާމެވެ. އަދި، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މި ފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެ ވެސް މެއެވެ. 2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ވިދިވިދިގެން ކޮންމެ އަހަރަކު ހިންގަމުން އަންނައިރު، މިއަދުގެ ނިޔަލަށް ޖުމްލަ 288 ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ 20 ބައިވެރިންނާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 16 ވަނަ ބެޗަށް ވެސް މަރުހަބާ ކިޔާފައެވެ. ސްޓްރަކްޗާޑް ޓްރެއިނިން ޕްރޮގްރާމަކާއި ސޮފްޓް ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިންގެ އިތުރުން ދިރާގުގެ މައިގަނޑު ގިނަ ވިޔަފާރީގެ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާ މި ޕްރޮގްރާމުގެ ސަބަބުން އެޕްރެންޓިސުންނަށް ކާމިޔާބު ކެރިއަރަކަށް ދިއުމަށް މަގުފަހިވެގެން ދެއެވެ.

އަދި އެޕްރެންޓިސުންނަށް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވިގޮތުގައި، ދިރާގަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ވިދާޅުވެ، ޒުވާނުން ތަރައްގީކުރުމަށް ދިރާގުގެ އިސްނެގުމުގެ މަތިން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ކާމިޔާބުކަން ފާހަގަކުރައްވައި މި ކަމަށް ދިރާގަށް ޝުކުރު އަދާކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ މައިދާނަށް ތައްޔާރުވުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ވިދާޅުވެ، ޒުވާނުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ މުހިންމުކަން ފާގަހަކުރެއްވިއެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ ހަފްލާގެ ދަސްވެނިންނަށާއި އަލަށް ބައިވެރިވި އެޕްރެންޓިސުންނަށް މަރުހަބާ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ހޯދައިދީ ޒުވާނުން ބިނާކުރުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މި ޕްރޮގްރާމް ނިންމާ ގިނަ ކުދިން މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ އެކި އިންޑަސްޓްރީތަކުގައި ތަފާތު ޒިންމާދާރު ވަޒީފާތައް ކާމިޔާބުކަމާއެކީ އަދާކުރަމުން ދިއުމަކީ ފަހުރުވެރިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ދިރާގުން އަންނަނީ ދިރާގު އެޕްރެނެޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތައް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: