ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ސްރީލަންކާގެ ދެ ރައްޔިތަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ރޭގެ 21:55 ހާއިރު ހުޅުމާލޭ ފުލުހުންގެ ފަރާތުންނެވެ. މި އޮޕަރޭޝަންގައި އުޅަނދެއް ބަލައި ފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ 54 ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތަކީވެސް ސްރީލަންކާގެ ރައްޔިތުންނެވެ. އަދި މައްސަލައާ ގުޅިގެން އެ އުޅަނދު ވަނީ ޓޯކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން ދޭތެރެ ދޭތެރެއިން މިފަދަ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ނައްތާލަމުން ގެންދާކަމެވެ. މީގެ ތެރޭގައި ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ހިމެނެއެވެ.

