މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައިގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފިއެވެ.
ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިމަހުގެ 26 ގައެވެ. އެހެންނަމަވެސް އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރަރ ވަނީ ނިންމަވާފަ އެވެ.
އެ ނިންމުން މުރާޖައާ ކުރުމަށް ޝަމްއާންގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލަން ޖެހޭފަދަ ޤާނޫނީ ބަހުސެއް އެބައޮތްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.
މި މައްސަލައިގައި ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓް ޑިޕާޓްމަންޓުގައި ނުހިމެނޭ ތިން އޮފިސަރަކު ވެސް ތިބީ ބަންދުގަ އެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، އެ ރެއިޑުން ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދޫކޮށްލެވުނީ ޝަމްއާންގެ އެންގުމަށެވެ. އަދި އިމިގްރޭޝަންގެ މުވައްޒަފުން އެ ބިދޭސީއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ ގެއަށެވެ.
މީގެއިތުރުން، ފުލުހުން ޝަމްއާންގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ބައި މިލިއަނެއްހާ ރުފިޔާއާއި ޑޮލަރު އަދި އިލެކްޓްރޯނިކް ސާމާނު ވެސް ފެނިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރެފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ހާމަކޮށްފައެވެ.
ޝަމްއާން މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

