ރާއްޖޭގެ ގިނަ އިލްމުވެރިންނާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ރެލީއެއް ބާއްވަން ނިންމައިފިއެވެ.
ރާއްޖޭގެ އިލްމުވެރިން އިސްނަގައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ”ޣައްޒާއާ އެކު“ ނަމުގައި ފެށި ހަރަކާތްތަކުގެ ތެރެއިން ސައިކަލް ރެލީ ފަށަން ހަމަޖެހިފައިވާ ކަމަށެވެ. މާދަމާ ހަވީރު ރަސްފަންނު ސަރަހައްދުން 16:15 ގައި މި ރެލީ ފެށުމަށް ނިންމާފައިވާ ކަމަށް މިބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
އިލްމުވެރިންގެ މި ބައްދަލުވުމުގައި ޣައްޒާގެ ހާލަތު ބަޔާންކޮށްދެއްވާ ޝެއިހް އަންޟާރު ވިދާޅުވީ ޣައްޒާ ވަނީ މުގައްދަސް ބިމެއްގައި ކަމަށެވެ. އަދި މުޅި ފަލަސްތީން ވަނީ ހިސޯރު ކުރެވިފައި ކަމަށެވެ. އެހެންކަމުން ޣައްޒާގެ ހާލަތު މިއަދު މުސްލިމުންނަށް އެނގެން ޖެހޭ ކަަމަށާއި އެމީހުން މިއަދު ތިބީ ބިރުވެރި ހާލަތެއްގައި ކަމަށް ޝެއިހު ފާހަގަކުރެވިއެވެ. ޝެއިހު ވިދާޅުވީ ކޮންމެ ރެއަކު އެތައް ބަޔަކު އަދި އެތައް ތުއްތު ކުދިންނެއް ކުށަކާއި ނުލާ ޝަހީދު ވާކަމަށެވެ.
”7 އޮކްޓޫބަރ 2023 ފެށިގެން އަދާ ހަމައަށް އެވަނީ 550 ދުވަސްވެ މި ގަތުލު އާންމު ކުރިއަށް ދާތާ 550 ދުވަސް ވެއްޖެ. ގަޑި އިރަކުން ހިސާބު ޖަހާނަމަ ކޮންމެ ގަޑިއިރަކުން 4 މީހަކު ޝަހީދު ކުރެވެމުންދޭ. އޭގެތެރޭގައި 2 ކުޑަކުދިން ހިމެނޭ. 1 އަންހެނަކު ހިމެނޭ. އަދި 10 މީހަކަށް ބޮޑެތި އަނިޔާތައް ލިބެމުންދޭ. ލޮބިވެތި މުސްލިމް އަހުންނޭ. މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޣައްޒާގެ ހާލަތު. އާދެ އަޅުގަނޑުމެން ގެތަކަށް ބަލާއިރު ކޮންމެ 40 ގެއަކަށް ގެއްލުންތަކެއް ލިބެމުންދޭ. ރެޔާއި ދުވާލު ސަހުޔޫނީން ކުރަމުންދާ މަސައްކަތަކީ މިއީ“
ޝެއިހް ވިދާޅުވީ މިހާތަކަށް ޣައްޒާގެ 50،810 މީހަކު ވަނީ ޝަހީދުވެފައި ކަމަށެވެ. އަދި 11،200 މީހަކު ވަނީ ވީނުވީއެއް ނޭންގި ގެއްލިފައި ކަމަށްވެސް ޝެއިހް ވިދާޅުވިއެވެ. 08 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު 20،013 ފިރިހެނުންނާއި 12،560 އަންހެނުން ޝަހީދު ވެފައިވާިއރު 18،037 ކުޑަކުދިންވެސް ޝަހީދުވެފައިވާ ކަމަށް ޝެއިހް ވިދާޅުވިއެވެ.
ޣައްޒާގެ 2 މިލިއަން މީހުން ދިރިއުޅޭނެ އެއްވެސް ގެދޮރެއް ނެތް ކަމަށް ޝެއިހް ވިދާޅުވިއެވެ. 4 ހހެއްހާ ހައުސިންގ ޔުނިޓް ހުރި އިރު 100 އިންސައްތަ ހައުސިންގ ޔުނިޓުތަކަށް ގެއްލުން ވެފައިވާކަމަށް ޝެއިހް ވިދާޅުވިއެވެ.
މީގެއިތުރުން އިލްމުވެރިން ވިދާޅުވީ މިހުރިހާ ބިރުވެރިކަމާއި ނިކަމެތި ކަމުގައި ޣައްޒާގެ މުސްލިމުން އުޅެމުންދާއިރު އަޅުގަނޑުމެންގެ މައްޗަށްވެސް ކަންކަން ލާޒިމުވާ ކަމަށެވެ. އެއީ ޣައްޒާގެ އަހުންނާއި ގުޅިފައިވަނީ މާތް މަތިވެރި ގުޅުމަކުން ކަމަށާއި އެއީ ތައުހީދުގެ ގުޅުމުން ކަމަށެވެ.

