ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް މޯލްޑިވްސް ގޭހުން އެޑްވާންސްގެ ގޮތުގައި ދޫކުރި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަނބުރާ ނުލިބުމާ ގުޅިގެން އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ގޭހުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ގޭހުގެ އިސް އޮފިޝަލެއް މަޢުލޫމާތު ދެއްވި ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުބާއީގެ ޖަކްޝާ އެނާޖީއަށް އެޑްވާންސްގެ ގޮތުގައި ދެއްކީ ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާއެވެ. ނަމަވެސް އެއްބަސްވެފައިވާ މުއްދަތުގައި ގޭސް ޝިޕްމެންޓް ނުލިބުމާ ގުޅިގެން އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
”ސަޕްލަޔަރާ އެކި ފަހަރު މަތިން ވާހަކަދެއްކުމުންވެސް އެޑްވާންސް ފައިސާ އަނބުރާ ދީފައެއް ނުވޭ،“މޯލްޑިވްސް ގޭހުގެ އޮފިޝަލް ވިދާޅުވިއެވެ. އާންމުކޮށް މޯލްޑިވްސް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
މޯލްޑިވްސް ގޭހުން އިތުރަށް ހާމަކުރި ގޮތުގައި، ގޭސް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށެވެ. މިގޮތުން ”ރިކުއެސްޓް ފޯ ކޯޓޭޝަން“ ފޮނުވައިގެން، އިތުބާރުހިފޭ އަދި އެންމެ އަގުހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރެއް ބަލައިގެން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ގޭހުން ބުނެފައިވެއެވެ.

