ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 153,689.92 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އޭޕްރީލް 1 އިން 5 އަށް ކުރެއްވި މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ލިވަޕޫލް އެފް.ސީ އާއި އެމް.އެމް.ޕީ.އާރު.ސީ / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ފުޓުބޯޅަ މެޗެއް ބައްލަވާލައްވައި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށްގެންދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ތަޢުލީމީ ކަންކަމާއި ތަޖުރިބާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
ލިވަޕޫލް އެފް.ސީއާ އެކު ޤާއިމުކުރެވުނު ޕާޓްނަރޝިޕްގެ ދަށުން، މާރިޗު 27 ގައި ފެށުނު އައުޓްޑޯ ކެމްޕެއިންގައި ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކުރެވިގެންދާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު އާއި، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

