ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ގައުމުތަކުގައި ތިބި ދަރިވަރުންނަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދަން އެދިފިން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކުރިމަތިވެފައިވާ ޑޮލަރު ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ އެކު ނަމުގައި ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒުވަނީ މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސާނަވީ ތައުލީމު ހާސިލުކުރުމުގެ މަސައްކަތްތައް ނިންމާލުމަށްފަހު ރާއްޖޭގެ ޔުނިވާސިޓީތަކާއި ބޭރު ގައުމުތަކުގައިވެސް ގިނަ އަދަދެއްގެ ކުދިން ތައުލީމު ހާސިލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ގިނަ އަދަދެއްގެ ކުދިންނަކީ ސަރުކާރުން ހުރިހާ ހަރަދެއް ކުރާގޮތަށް ސްކޮލަޝިޕްތަކުގައި ގޮސްތިބި ކުދިންކަމަށްވާއިރު ގިނަ އަދަދެއްގެ ކުދިން ލޯނު ސްކީމް މެދުވެރިކޮށްވެސް ތައުލީމު ހާސިލުކުރަމުންދާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިވަގުތު ލޯނު ސްކީމް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި 1650 ވަރަކަށް ކުދިން ތައުލީމު ހާސިލުކުރަމުންދާކަމަށެވެ. އަދި ދާދި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ލޯނު ސްކީމް މެދުވެރިކޮށް ތައުލީމު ހާސިލުކުރަމުންދާ ކުދިންނާއި ބައްދަލުކުރެވުނުކަމަށް މައުލޫމާތު ދެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ބޭރު ގައުމުތަކަށް ވަޑައިގަންނަވާއިރު ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ބައްދަލުކުރައްވަނީ އެކުދިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްކަމަށާއި އެފަދަ މަސައްކަތްތަކުގެ މަގުސަދަކީ އެކުދިން ގާތަށް ގޮސް އެކުދިން އެދޭ ކަންކަން ދެނެގަނެ ކަންބޮޑުވުންތައް އަޑުއެއްސެވުންކަމަށެވެ. އަދި ކޮންމެ ދަތުރުފުޅެއްގައިވެސް ވަގުތު އޮތް ވަރަކުން ދިވެހިންނާއި ބައްދަލުކުރައްވާއިރު ހާއްސަ ގޮތެއްގައި ތައުލީމު ހާސިލުކުރަމުންދާ ކުދިންނާއި ބައްދަލުކުރައްވާކަމަށް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަން ކުރައްވަނީ ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން އިތުރުވި ވަރަކަށް ގައުމުގެ މުސްތަގުބަލު ރަނގަޅުކުރެވޭނެކަމަށް ވުމުންކަމަށާއި ރާއްޖޭގެ މުސްތަގުބަލު ވަރަށް އުޖާލާ ކުރަން އެދިވަޑައިގަންނަވާކަމަށެވެ. އަދި އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ދިވެހިންގެ އަތް މައްޗަށް ގައުމުގެ ކަންކަން ނިންމުމުގެ ފުރުސަތު ލިބިގެންދިއުމަށް އެދިވަޑައިގަންނަވާކަންވެސް ހާމަކުރެއްވިއެވެ.

އެހެންކަމުން އެ ކުދިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުން އެކަންކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަން ފުރުސަތު ލިބިވަޑައިގަންނަވާކަމަށާއި އިނގިރޭސިވިލާތުގައި ބައްދަލުކުރެއްވި ކުދިންގެ ތެރެއިން ލޯނު މެދުވެރިކޮށް ތައުލީމު ހާސިލުކުރާ ކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ ރުފިޔާއިން ދިނުމުން ޑޮލަރަށް ހެދުމުގެ ތެރޭގައި ގެއްލުންތަކެއް ވެގެންދިއުމުގެ މައްސަލަކަމަށެވެ.

ރައީސް ވިދާޅުވީ، އެއީ ރާއްޖެއިން ބޭރުގައި ލޯނު މެދުވެރިކޮށް ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ކުދިންނަށްވެސް ދިމާވާނެ މައްސަލައެއްކަން ޔަގީންވެވަޑައިގަންނަވާކަމަށާއި ލޯނު ސްކީމްގައި ކިޔަވާއިރު ބޭންކް ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ދަރިވަރުންވަނީ އެދިފައިކަމަށެވެ. އަދި އެކަމަކީ ވަރަށް ރަނގަޅު ވާހަކައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަންވެސް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބްލެކް މާކެޓުން ޑޮލަރު ހޯދަންޖެހޭނަމަ އިތުރަށް ދައްކަންޖެހޭ އަދަދަކީ އެ ކުދިންނަށް ލިބޭ ގެއްލުމެއް ކަމަށާއި އެ އަދަދު ހަމަޖައްސަންޖެހެނީ ލޯނުގެ ގޮތުގައި ލިބޭ ފައިސާއިންކަމަށެވެ. އެހެންކަމުން އެކަމުގައި ރަނގަޅު ހައްލެއް ގެނައުމަށްޓަކައި އެމްއެމްއޭ އާއިއެކު މަސައްކަތް ފެއްޓެވުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއަށް ދަންނަވާފައިވާނެކަމަށާއި މިހާރު އެކަމުގެ މަޝްވަރާތައްވެސް ފެށިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: