ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރުގެ ތަހުގީގާއި ގުޅިގެން އާއިލާގެ ބޮޑެތި ކަންބޮޑުވުންތަކެއް!

ޒަހަމްތަކާއިއެކު މަރާލާފައިއޮއްވާ ފެނުނު ޒަކިއްޔާ މަރުވީ އަމިއްލަޔަށް ކަމަށް އެރަށުގެ މީހުން ގަބޫލު ނުކުރޭ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކިއްޔާ މޫސާ މަރުވުމަށްފަހު ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުތަކާއި ގުޅިގެން އޭނާގެ އާއިލާގެ ވަކީލު ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފިއެވެ.

އާއިލާގެ ފަރާތުން ވަކީލު ފާހަގަކުރެއްވީ ޒަކިއްޔާ މޫސާ މަރުވި ދުވަސް ކަމުގައިވާ 10 ސެޕްޓެމްބަރ 2024 އިން ފެށިގެން މިއަދާ ހަމައަށް މަރުގެ ޙަޤީޤަތް ހޯދުމުގައި އެކަށީގެންވާ ތަޙްޤީޤެއް ހިންގިފައިވާ ކަމުގައި އާއިލާއިން ނުދެކޭ ކަމަށެވެ. އަދި ތަޙްޤީޤު މަރުޙަލާގައި ހަދާފައިވާ ބައެއް ގޯސްތައް ޚުދު މިނިސްޓަރުގެ އިތުރުން ޕޮލިސް ކޮމިޝަނަރ ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން، އޮޓޮޕްސީ ނަހަދާ ދޫކޮށްލުމަކީ ރަނގަޅަށް ކުރެވުނު ކަމެއްނޫން ކަމާއި، އެއީ ތަޙްޤީޤު މަރުޙަލާގައި ހެދުނު ގޯހެއް ކަމަށް 26 ފެބްރުއަރީ 2025 ގައި ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ދެބޭޅުން ދެއްކެވި ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އޮޓޮޕްސީ ހެދުމަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުލުހުންގެ ފަރާތުން ކުރުމަށް ގަސްތުކޮށްފައިވާ ކަމަކަށްނުވާއިރު ޒަކިއްޔާ މޫސާ މަރުވިތާ 210 ދުވަސް ފަހުން، ނުވަތަ އޭގެ 6 މަހާއި 29 ދުވަސް ފަހުން ކުއްލިއަކަށް ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށްބުނެ މީޑިއާ އަށް ނުސީދާގޮތެއްގައި ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވާތީ އެކަމާ އާއިލާއިން އިންތިހާ އަށް ކަންބޮޑުވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ޒަކިއްޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެމެ އޮޓޮޕްސީއެއް ހެދުމުގެ ނިޔަތެއް ފުލުހުންގެ ކިބައިގައި ނެތް އިރު، ކުއްލިއަކަށް ވާޗުއަލް އޮޓޮޕީއެއް ހަދާފައިވާ ކަމާއި، ޒަކިއްޔާ މޫސާގެ މަރަކީ އަމިއްލަ ނަޞްފަށް ގެއްލުންދީގެން ހިނގާފައިވާ މަރެއް ކަމަށް ބުނެފައިވާތީ އެކަމާ ގުޅޭ ގޮތުން އާއިލާއިން މައުލޫމާތު ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

އާއިލާގެ ފަރާތުން އެދިފައިވާ މައުލޫމާތުތައް ވަކީލު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން: 

  • ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާނަމަ، ވާޗުއަލް އޮޓޮޕްސީގެ ރިޕޯޓުގެ ކޮޕީ؛ (ރިޕޯޓުގެ ކޮޕީ ޙިއްސާކުރެވެން ނެތްނަމަ ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް މިނިސްޓްރީން ނުވަތަ ފުލުހުންގެ ކަނޑައަޅާ ތަނެއްގައި ކަނޑައަޅާ ގޮތެއްގެމަތިން ބަލައި ދިރާސާ ކުރުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުން).
  • ވާޗުއަލް އޮޓޮޕްސީ ހެދުމަށް ގަސްތުކުރި ތާރީޚަކީ ކޮބައިކަން؟
  • ވާޗުއަލް އޮޓޮޕްސީއެއް ހެދުމުގެ ވިސްނުން ގެންގުޅެ، އެ ވިސްނުމުގެ މައްޗަށް ބިނާކޮށް ނުވަތަ އެ ނިޔަތުގައި އެގޮތަށް ނަގާފައިވާ އެއްވެސް ސްކޭނެއް އޮތްކަން ނުވަތަ ނޫންކަން؟
  • ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ ހޯދި ހޮސްޕިޓަލުގެ ނުވަތަ އެނޫންވެސް ކަމާގުޅުންހުރި އެއްވެސް ފަރާތެއް ކަމުގައިވިޔަސް އެކަމާ ގުޅިގެން ލަފާ ހޯދާފައިވާ ކަމަށް ބުނާ ޚަބީރުންގެ ނަންތަކާއި، އަދި ލަފާ ދެއްވި ތާރީޚުތަކާއި، އެބޭފުޅުންގެ ވަނަވަރު ޢާންމުކޮށްދެއްވުމާއި، ފުލުހުންގެ އިދާރާއިން ނުވަތަ ތަޙްޤީޤުކުރާ ފަރާތުން ހިއްސާކޮށްފައިވަނީ ވާޗުއަލް އޮޓޮޕްސީއެއް ހެދުމަށްޓަކާ ނަގާފައިވާ ނުވަތަ އެމަޤްޞަދަށް ބަލައިގެން ސީދާ އެބޭނުމަށް ނަގާފައިވާ ސްކޭންތަކެއްތޯ ނުވަތަ ސީނަށް ގޮސް ނަގާފައިވާ ފޮޓޯތަކެއްތޯ؟
  • ތަޙްޤީޤުކުރާ ފަރާތުން ޒަކިއްޔާ މޫސާގެ ފޮރެންސިކް ނުވަތަ މެޑިކޯ ލީގަލް އޮޓޮޕްސީއެއް ހަދާފައިވޭތޯ؟ އެފަދަ ރިޕޯޓެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓު ހެދި ތާރީޚަކީ ކޮބައިކަން؟ ހަދާފައިވާނަމަ އެ ރިޕޯޓުގެ ކޮޕީ އާއި އެރިޕޯޓު ޙިއްސާކުރެވެން ނެތްނަމަ، މިނިސްޓަރީން ނުވަތަ ފުލުހުން ކަނޑައަޅާ ގޮތެއްގެމަތިން ކަމާބެހޭ ފަންނީ ބޭފުޅަކާއެކު އެ ރިޕޯޓު ބަލައި ދިރާސާ ކުރުމުގެ ފުރުޞަތު ދެއްވުން.
  • މެޑިކަލް ޓޮކްސިކޮލޮޖީ ރިޕޯޓެއް ތައްޔާރުކޮށްފައިވާނަމަ އެކަމުގެ މަޢުލޫމާތު އަދި އެ ރިޕޯޓު ހިއްސާކޮށްދިނުމަށް ނުވަތަ ހާމަކޮށްދެއްވުން.
  • އޮޓޮޕްސީ ހެދުމުގައި އިހުމާލުވި ފުލުހުންގެ މައްސަލަތައް ބަލައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަން؟
  • ޒަކިއްޔާ މޫސާ ގެ ނަފްސާނީ ބަލިޙާލަތުގެ ގޮތުގައި ޑައިގްނޯސް ކުރެވިފައިވަނީ ކޮން ބާވަތެއްގެ ބައްޔެއްތޯ އެކަމާ ގުޅޭގޮތުން ހުރި ލިޔެކިޔުންތައް ހިއްސާކޮށްދެއްވުން.

ޓްރެޑިޝަނަލް އޮޓޮޕްސީއެއް ހެދިޔަސް ނުވަތަ ވާޗުއަލް އޮޓޮޕްސީއެއްވިޔަސް އިންސާނަކު އޭނާގެ ކަރުގެ ވާތް ފަރާތުގައި އަމިއްލަ އަށް 3 ފަހަރު ވަޅި އަޅައި، އަދި ކަނާތް ފަރާތުގައި 2 ފަހަރު ވަޅި އަޅައިގެން އަމިއްލަ އަށް މަރުވެދާނެ ކަމަށް ދެކުމަކީ ޤަބޫލުކުރަން ދަތި ކަމެއްކަމަށް ވަކީލު ނެރެނުނު ބަޔާނުން ފާހަގަވެއެވެ. އެހެންކަމުން މި މައްސަލައިގެ ޙަޤީޤަތް ބެލުމަށްޓަކައި އަދި މިނިވަން 3 ވަނަ ފަރާތެއް މެދުވެރިކޮށް ފުލުހުންގެ ފަރާތުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށް ބުނާނަމަ އެ ރިޕޯޓަށް ބެލުމަށްފަހު އަލުން އެކަން ދެނެގަތުމުގެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

މި ބަޔާނުގައި އިތުރަށް ވަކީލު ފާހަގަކޮށްފައިވަނީ މައްޔިތާ ވަޅުލުމަށްފަހުވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓްޕްސީ ހެދުމަކީ ދުނިޔޭގައި ކުރާ ކަމެއްކަމަށެވެ. އަދި އެއީ ރާއްޖޭގައިވެސް އާ ކަމެއްނޫން ކަމަށާއި އެހެންކަމުން ހަށިގަނޑު އަލުން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމާއި ގުޅޭގޮތުންނާއި އެ އިޖުރާއަތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭނުންވާކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލައިގައި އިންޞާފު ޤާއިމްކޮށްދިނުމަށާއި، އަދި މި މައްސަލާގައި ފުލުހުންގެ ޢަމަލުކޮށްފައިވާ ގޮތުން ތަޙްޤީޤުގައި ފުލުހުން ޝާމިލުވުމަކީ މަޞްލަޙަތު ފުށޫއަރާ ކަމަކަށްވާކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުންގެ ތަޙްޤީޤުން އެކަހެރިވެ، މުޅި ތަޙްޤީޤު ހިއުމަން ރައިޓްސް ކޮމިޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވަނީ އެދިފައެވެ. ވަކި ގޮތަކަށް ތަޙްޤީޤު ނިމިފައިނުވާ ކަމެއްގައި ވަކިން ޚާއްޞަކޮށް ހޮޅުދޫ ރައްޔިތުންގެ މެދުގައި ޒަކިއްޔާ މޫސާގެ މަރާގުޅޭ ގޮތުން އެތައް ސުވާލުތަކެއް ހުރި ކަމަށާއި އަދި ރަށުގެ ރަށްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އިންތިހާ އަށް އޮތް މައްސަލައެއްގައި، ރަސްމީކޮށް ފުލުހުންގެ އިދާރާއާވެސް ހަވާލާ ދިނުމެއްނެތި ޢާންމުންނަށްވެސް އެއްވެސް މަޢުލޫމާތެއް ލިބުމެއްނެތި ކުއްލި ގޮތަކަށް މީޑިއާތަކުން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާ ކަމަށާއި އަދި ނަފްސާނީ ބަލި ހުރިކަމަށް ބުނެ އަމިއްލަ އަށް މަރުވީ ކަމަށް ބުނެ ޚަބަރު ފެތުރިގެން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ޢަމަލުކުރަމުންދާ ގޮތުގެ ކަންބޮޑުވުން މީގެ ކުރީގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ސަމާލުކަމަށް ގެނެވިފައިވާނެ ކަމަށް ވަކީލު ފާހަގަކޮށްފައިވެއެވެ. ދިރިހުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަކަށްވެފައި، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގެ ދަށުން ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނާއި އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަމުގައިވެފައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ އަމަންއަމާންކަން ޤާއިމްކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތިން ސަލާމަތީ ޚިދުމަތްތަކުން ކުރަންޖެހޭ މަސައްކަތަކަށްވާތީ، މި މައްސަލައިގެ އިންޞާފުވެރި ތަޙްޤީޤެއް ކޮށްދެއްވުމަށް ވަނީ އިލްތިމާޒް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: