2024 ވަނަ އަހަރު ރެހެންދި އެވޯޑު ދިނުމުގެ ހަފްލާ ބާއްވާފައި ނުވާތީ، މިއަހަރުގެ އެވޯޑު ހަފްލާގައި މިދިޔަ އަހަރު އެވޯޑަށް ހޮވުނު މީހުންނާއިއެކު ހަފްލާ ބާއްވަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމެންޓުން ބުނެފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ސޯޝަލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއިޝަތު ޒުހުރުބާން ވިދާޅުވީ ރެހެންދި އެވޯޑަކީ އަންހެނުން ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ހަފްލާއެއް ކަމަށެވެ. މި އެވޯޑަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން މީގެ 11 އަހަރު ކުރިން އަހަރަކު އެއް ފަހަރު ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ހަފްލާއެކެވެ.
މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ ސޯޝަލް މިނިސްޓްރީން އެކަމަށް އެކުލަވާލާ ”ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ“ އިންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޝީލްޑަކާއި، ޤައުމީ އެކިއެކި މުނާސަބަތުގައި ބޭނުންކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ހެދުމުގައިޖަހާ ރަމްޒީ ”ބުރޫޗް“ އެކެވެ.
މި އެވޯޑް ދިނުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުން ކަމަށް ސްޓޭޓް ފާހަގަކުރެއްވިއެވެ. އެއާއެކު އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކޮށް، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފު ވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމުނީ އެއް މަގުސަދު ކަމަށް ޒުހުރުބާން ވަނީ ވިދާޅުވެފައެވެ.
މިއެވޯޑަށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އަދި މިނިސްޓްރީއަށް ވަޑައިގެންވެސް ފޯމު ހުށައެޅޭނެއެވެ. އެވޯޑަށް ހުށައެޅުމުގެ ފުރުސަތު 4 މެއި 2025 ގެ ނިޔަލަށް އޮންނާނެ ކަމަށް ޒުހުރުބާން ފާހަގަކުރެއްވިއެވެ. މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެއްވޭނެއެވެ.

