މި އަހަރުގެ މާރިޗު މަހުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ލަފާކުރި އަދަދަށް ވުރެ، 26.2 އިންސައްތަ އިތުރުކަމަށް މީރާއިން ބުނެފިއެވެ.
މިއަދު މީރާއިން ޝާއިއުކުރި ޗާޓުން ދައްކާގޮތުގައި މާޗް މަހުގެ ޓެކްސް އާމްދަނީގެ ގޮތުގައި 3.38 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މި އަހަރުގެ މާރިޗު މަހުގެ ޓެކްސް އާމްދަނީ މިދިޔަ އަހަރު މާރިޗް މަހާއި އަޅައިބަލާއިރު، 15.1 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން ޓެކްސްގެ ގޮތުގައި މި މަހު ލިބުނު ޖުމަލަ އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް އަދައިކޮށްފައި ވަނީ، ތަކެތި ގަނެ ވިއްކުމަށް ހާއްސަވެގެންވާ ޓެކްސް، ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)އެވެ. އެއީ، އެއްކުރެވުނު 100 އިންސައްތައިގެ ތެރެއިން 57.0 އިންސައްތަ ވަނީ ޖީއެސްޓީން ހިއްސާކޮށްފައެވެ.
މީގެއިތުރުން، ޓެކްސްގެ ގޮތުގައި މި މަހު ލިބިގެންދިޔަ އާމްދަނީއަށް ބޮޑު ހިއްސާ އަދާކުރި އެހެނިހެން ޓެކްސްގެ ބާވަތްތަކުގެ ތެރޭގައި، ޓޫރިޒަމް ލޭންޑް ޓެކްސްއިން 11.4 އިންސަތަ އާއި، ގްރީން ޓެކްސްއިން 8 އިންސައްތަގެ އިތުރުން އިންކަމް ޓެކްސްގެ 5.3 އިންސަތަ ހިމެނެއެވެ.
އިންކަމް ޓެކްސް އާމްދަނީން ލިބުނު ޑޮލަރުގެ އަދަދަށް އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ، ޓޫރިޒަމްއިން ނަގާ ގުޑްސް އެންޑް ސާވިސް ޓެކްސް (ޖީއެސްޓީ)އެވެ. އެއީ، ޖީއެސްޓީ 54 އިންސައްތައެވެ. ޓޫރިޒަމް ޖީއެސްޓީގެ އިތުރުން، ޓޫރިޒަމް ލޭންޑް ޓެކްސްގެ 14.4 އިންސަތައިގެ އިތުރުން ގްރީން ޓެކުހުންވަނީ 10.1 އިންސަތައިގެ ހިއްސާ އަދާކޮށްފައެެވެ.
މީރާއިން ލިބުނު އާމްދަނީގެ ތެރެއިން، ނޮން ޓެކްސް ޕްރޮފިޓްގެ ތެރޭގައި މި މަހު ލިބިފައިވަނީ 842.0 މިލިއަން ރުފިޔާއެވެ.
މި މަހުގެ އާމްދަނީގެ ތެރެއިން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 2,540.8 މިލިއަން ރުފިޔާއެވެ. މިއީ މިއަދިޔަ އަހަރު މާރިޗު މަހުގައި ލިބުނު ތެކްސް ރެވެނިއުގެ އަދަދާއި އަޅާ ބަލާއިރު 205.4 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
މީރާއިން ލިބުނު އާމްދަނީއަށް ބަލާއިރު، ނޮން ޓެކްސް ޕްރޮފިޓްގެ ތެރޭގައި މި މަހު ލިބިފައިވަނީ 842.0 މިލިއަން ރުފިޔާއެވެ. މިއީ، މިދިޔަ އަހަރު މާރިޒު މަހުގައި ލިބުނު ނޮން-ޓެކްސް ރެވެނިއުގެެ އަދަދާއި އަޅައި ބަލާއިރު 237.8 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

