ރާއްޖޭގެ ހާލަތު ބަދަލުކުރުމަށްޓަކައި ޑިމޮކްރެޓްސްގެ އިތުރުން ޕީއެންއެފްއާއިއެކުވެސް މަސައްކަތްކުރެވިދާނެކަމަށާއި މާޒީގައި ވާދަވެރިންނާއި ގުޅިގެން މަސައްކަތްކުރެވިދާނެކަން ދައްކާފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދްވަނީ އެމްޑީޕީ އަދި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މެމްބަރު ވިދާޅުވީ، އެކަމަކީ ކުއްލި ގޮތަކަށް އައިސްފައިވާކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި އެކަމުގައި އެންމެ ފުރަތަމަ އިސް ނަންގަވާފައިވަނީ އެމްޑީޕީގެ ލީޑަރުންކަމަށާއި މީގެ ކުރިން ރައީސްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހުވެސް އެކުގައި މަސައްކަތްކުރެވިދާނެކަމަށް ވިދާޅުވެފައިވާއިރު ޗެއަރޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އެކި ފަހަރުގެ މަތިން އެފަދަ ވާހަކަތައް ދައްކަވާފައިކަން ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މިފަހުން އެކަން ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޑިމޮކްރެޓްސްގެ ގޮތުގައި ތިއްބެވި ބައެއް މެމްބަރުން އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމުންކަމަށެވެ. ނަމަވެސް އެ މެމްބަރުން ގުޅިވަޑައިގަތުމުގެ ކުރިންވެސް ގުޅިގެން މަސައްކަތްކުރެވިދާނެކަމަކީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ. އަދި މިވަގުތު ކަންކަން އޮތީ އެއް ޕާޓީއަށް އެކަނި ސަރުކާރު ޖަވާބުދާރީކުރެވޭ މިންވަރަށްވުރެ ގޯސްވެފައިކަމަށްވެސް ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ، މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ އިތުރުން ޕީއެންއެފްއާއިއެކުވެސް މަސައްކަތްކުރެވޭނެކަމަށެވެ. މެމްބަރުން ވިދާޅުވީ، ގައުމުގެ ހާލަތު ބަދަލުކުރުމަށް އެކަން ކުރެވިދާނެކަމަށާއި އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއްކަމަށްވާއިރު ގުޅިގެން މަސައްކަތްކުރުމުގެ ކެޕޭސިޓީ ހުރިކަން މާޒީގައިވެސް އެމްޑީޕީން ދައްކާފައިވާނެކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ދެ ޕާޓީގެ ދެމެދު އޮތް ވާދަވެރިކަމުގެ އުދާސްތައް އެއް ފަރާތްކޮށް މަސައްކަތްކުރެވޭނެކަމަށް ގަބޫލުކުރައްވާކަމަށާއި މިވަގުތު މަސައްކަތްތަކެއް ކުރަން އޮތީ އެކަމުގައި ނޫންކަމަށެވެ. އަދި މިވަގުތު އޮތީ ގައުމު އޮތް ހާލަތުން އަރައިގަތުމަށްޓަކައި މަސައްކަތްތަކެއް ކުރުންކަމަށާއި އެހެންކަމުން އެ ހާލަތުން އަރައިގަތުމަށްޓަކައި ބޭނުންވަނީ އެމްޑީޕީން ވެރިއެއް އިންތިހާބުކުރުން ނަމަ ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްތަކެއް ކުރާނީ އެކަމަށްވެސް ތައްޔާރުވެގެންކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ، ޑިމޮކްރެޓްސްއަކީވެސް ވަކި ޕާޓީއެއްކަމަށާއި ކަމެއް ހާސިލުކުރުމަށްޓަކައި ރީނދޫ ޓައިއެއް އަޅައި ޕާޓީއަށް ވަނުމަކީ މަޖުބޫރު ކަމެއް ނޫންކަމަށެވެ. މެމްބަރު ވިދާޅުވީ، އެމްޑީޕީއަށް ވެރިކަން ގެއްލިގެންދިޔައީ ޕާޓީ ދެކަފިވެގެންދިއުމުންކަމަށެވެ. އެހެންކަމުން އުދާސްތަކެއް ހުރިނަމަވެސް މީގެ ކުރިން މަގުމަތިން އެމްޑީޕީގެ ވެރިކަމެއް ވައްޓާލިއިރު އެކަން ކުރި މީހުންނާއިއެކުވެސް ގައުމު ސަލާމަތްކުރަން ޖެހުމުން މަސައްކަތްކޮށްފައިވާނެކަމަށެވެ.

