ކޮވިޑު-19 ޖެހި ބަލީގައި ހާލު ބޮޑުވާ ހާލަތުގައި ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ހަވާލު ކުރި ވެންޓިލޭޓަރު ނުގެނައި މައްސަލައިގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދައްކަން އާބިޓްރޭޝަނުން އެންގި 32 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި މާލިއްޔަތު ކޮމިޓީއިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ސިޓީއެއް ފޮނުވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. މި ސިޓީގައި ބުނެފައިވަނީ މިއީ ރާއްޖެއިން ބޭރުގެ ކުންފުންޏަކާ ދެކޮޅަށް ހިންގޭ ޖިނާއީ ތަހުގީގަކަށްވާނެތީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނާއި އެހެން އިޖުރާއަތްތައް ފުރިހަމަ ކޮށްގެން ތަހުގީގުކުރަން މާލިއްޔަތު ކޮމިޓީން އެދޭކަމަށެވެ.
މި މައްސަލައަކީ މުދަލުގެ އަގު ލިބިގަތުމަށްފަހު މުދާ ހަވާލުކޮށްފައިނުވާތީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފަހު މުދާ ފޯރުކޮށްނުދިން މައްސަލައެއްގެ ގޮތުގައި ކަނޑައެޅޭނެކަމަށް ކޮމިޓީގެ ސިޓީގައި ފާޙަގަކޮށްފައިވެއެވެ.
މި މައްސަލައިގައި މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދެކޮޅަށް ވެސް ފައިސާ ދެއްކީ ދިވެހި ދައުލަތުން ކަމަށެވެ. އެ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، އުޝާމް ވިދާޅުވި ގޮތުގައި ދުބާއީގެ ކޯޓުތައް މެދުވެރިކޮށް ވެސް ފައިސާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް، މިއީ ލިބުމަށް ވުރެ، ނުލިބުން ގާތް އަދަދެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރުގައި ވަރަށް އަންލައިކްލީ، އެހެން ނަމަވެސް އެ ފައިސާ ހޯދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރާނަން..
2021، މޭއި 2 އިން ފެށިގެން އެ ކުންފުނިން ފައިސާ ދެއްކުމުގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދެއްކުމަށް އާބިރޭޝަނުން ދުބާއީގެ ކުންފުންޏަށް އެންގިއެވެ.
މި މައްސަލަ ކުރިޔަށް ގެންގޮސްފައި ވަނީ ދުބާއީގެ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ. އަދި ކުންފުނި މައްސަލަ ކުރިޔަށް ގެންދިޔައިރު ހާޒިރުވެފައި ނުވާއިރު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިޔަށް ދިއުމުން އެ ފައިސާ ދައްކާފައި ވަނީ ރާއްޖޭކްކަމަށްވުމާއި އެކު އެ އަދަދު ނަގައިދޭން ވެސް ރާއްޖޭން ހުށަހަޅާފައިވެއެވެ.
އެކަމަށް އާބިޓްރޭޝަނުގެ ނިންމުމުގައި ވަނީ ފައިސާ ދެއްކުމާއި ހަމައަށް އިންޓްރެސްޓު ރޭޓަކަށް ދެ އިންސައްތަ ހިމަނައި 132،856 ޑޮލަރު ދެއްކުމަށެވެ.
މިއާއި އެކު އާމިޓްރޭޝަނުގެ އެންގުމުގައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ޖުމްލަ 34.64 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

