ޖެނެރޭޝަލް ބޭންއާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރެވި ކެބިނެޓަށް ހުށައެޅުމަށްޓަކައި ކަރުދާހެއް ތައްޔާރުކުރެވިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންފަތް ކޮންޓްރޯލްކުރުމުގެ ޖެނަރޭޝަނަލް ބޭން ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އެހެނިހެން ބައެއް ގައުމުތަކުގައި ވެސް މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ކުރަމުންދާ މަަސައްކަތްތަކުގެ ތެރޭގައި ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުން ހިމެނޭކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ މަޖިލީހުގައި މިހާރުވެސް އެފަދަ ބޭންއެއް ގެނައުމަށްޓަކައި ބަހުސްތައް ކުރެވެމުންދާކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އެ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށާއި ބޮޑެތި ބައެއް ގައުމުތަކުން އެކަން ކުރަމުންދާއިރު ނުވަތަ ކުރުމަށް ތައްޔާރުވަމުންދާއިރު އެ މަސައްކަތްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމަށްޓަަކައި އެކުލަވާލެވިފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް ފާހަގަކޮށްފައިވާ މުހިންމު ފިޔަވަޅެއްކަމަށެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ ސަރުކާރުން ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުންކަމަށާއި އެއީ ކެބިނެޓް ލެވެލްގައި ނިންމާ ނިންމުމެއްކަމަށެވެ. އަދި ވިދާޅުވީ، ޖެނެރޭޝަނަލް ބޭންއާއިއެކު ހިޔާލު ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯލްއެއް ހުޅުވާލެއްވުމާއިއެކު މިނިސްޓްރީން ވެސް ކަމާއިބެހޭ ފަންނުވެރިންނާއިއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާނެކަމަށް ވިދާޅުވި އެވެ. އެގޮތުން އާންމު ސިއްހަތާއި ބެހޭ އެންޖީއޯތަކާއި ހެލްތު ސެކްޓާރގައި މަސައްކަތްކުރައްވާ ބައެއް އެހެނިހެން ފަރާތްތަކުގެ އިތުރުން ދުންފަތް ކޮންޓްރޯލްުރުމުގެ ބޯޑުވެސް ހިމެނިހެން މަޝްވަރާތައް ކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެކަމާއި ގުޅޭ ކަރުދާހެއް މިހާރު ތައްޔާރުކުރެވިފައިވާކަމަށާއި އެކަމާއި ގުޅޭގޮތުން ނިންމާ ނިންމުމެއް ކެބިނެޓް ލެވެލްގެ މަޝްވަރާތަކަށްފަހު ސަރުކާރުގައި އޮންނަ އުސޫލުގެ ތެރެއިން އިއުލާނުކުރެވިގެންދާނެކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާއި ގުޅޭގޮތުން ސީދާ ވަކި އެއްޗެއް ވިދާޅުވުން އެންމެ ރަނގަޅު ކަމަކަށް ވެގެން ނުދާނެކަމަށް ހިއްސާކުރެއްވިއެވެ.

