އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށް، އެ އިންތިހާބު ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވިޔަސް އެކުގައި މަސައްކަތްކޮށް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދު ކުރައްވާނެކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެ އެވެ.
ވެރިކަމުގެ ދުވަސްވަރު އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ރަނގަޅު ނުކުރެވި ގޯސްވެގެން ދިއުމުގެ ސަބަބުން ޒާތީވާ ހާލަތަށް ކަންކަން އޭރު ގޮސްފައި ވެއެވެ. ހާއްސަކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަމުން ދިޔައިރު ދެ ބޭފުޅުންނަށް ތާއީދު ކުރައްވާ އަރިސް މެމްބަރުން ވެސް ހަމ އެ ފާޑުކިއުންތައް އަމާޒު ކުރަމުން ގެންދެވި އެވެ.
އެމްޑީޕީގެ އަސާސްތަކާއި ރައީސް ސޯލިހު ހިލާފުވެވަޑައިގެންފައިވާކަމަށް ބުނެ، އެމްޑީޕީގެ ދޫކުރައްވައި ރައީސް ނަޝީދާއި އެކު ނިކުމެވަޑައިގެންނެވި މެމްބަރުންނަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާއި އެވެ.
އަނެއްކާވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމުގެ މައުޟޫއު ރައީސް ނަޝީދު ނެންގެވުމުން އެކަމަށް ބައެއް ބޭފުޅުން ތާއީދު ކުރެއްވި ނަމަވެސް މިހާތަނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފިޔަވައި ގްރާސްރޫޓް ލެވެލްގެ އެއްވެސް ބޭފުޅަކު އެކަމާއި ގުޅިގެން ވާހަކައެއް ނުދައްކަވަ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝިއްޕެ އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއިރު އޭނާ ވަނީ އެނބުރި އެމްޑީޕީއަށް ވަޑައިގެންފަ އެވެ. އަދި ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.
ޝިއްޕެ ވިދާޅުވި ގޮތުގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ އެވެ. އަދި އޭގެ ސަބަބެއްކަމަށް ވިދާޅުވީ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިނގަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުމެވެ. އެހެންކަމުން މި ސަރުކާރު ބަދަލު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ގައުމީކަމެއްގެ ގޮތުގައި ދެކިގެންކަމަށް ވިދާޅުވި އެވެ.
އެމްޑީޕީ ދެކަފިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދު ޖެހުނު މައްސަލަކަމާއި އަދި ފާޑުކިއުންތަކުގެ ތެރޭގައި ޒާތީ ދިރިއުޅުމާއި ގުޅުވައި ވެސް ވާހަކަތައް ދެކެވިފައި ހުރުމުގެ ސަބަބުން އަލުން ކުރިން އޮތް ގުޅުން އިޔާދަވެދާނެތޯ ސުވާލު ކުރުމުން ޝިއްޕެ ވިދާޅުވީ ގައުމުގެ ހައްގުގައި ކުރެވޭނެކަމަށެވެ. އަދި މީގެ ކުރިން އޭނާ ވެސް ހިމެނޭ ގޮތަށް އެމްޑީޕީގައި ތެދުވެ ބަސް ބުނީ މެނިފެސްޓޯ ތަންފީޒު ނުވެ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވާން ފެށުމުންކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދެކެވެމުންދާއިރު އިންތިހާބަށް ނިކުތުމުގެ ޝައުގުވެރިކަން ހުރި ގިނަ ބަޔަކު ޕާޓީގެ ތެރޭގައި ތިބިކަން ފާހަގަކުރުމުން ޝިއްޕެ ވިދާޅުވީ ބައެއް ބޭފުޅުންގެ ނަންތައް އޭނާއަށް ތުންތުންމަތީން އިވިފައިވާކަމަށެވެ.
ޕްރައިމެރީ ކާމިޔާބު ކުރާ ކެނޑިޑޭޓަކަށް ތާއީދުކޮށް އެކުގައި މަސައްކަތް ކުރާނަންތޯއާއި ކުރިން ހިނގި ކަންކަން އިޔާދަ ވެދާނެތޯ ސުވާލު ކުރުމުން ޝިއްޕެ ވިދާޅުވީ އެ ބޭފުޅަކާއި އެކު އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި އޮން ރިކޯޑުގައި ތަކުރާރުކޮށް އެކަން ފާހަގަކުރާކަމަށް ވިދާޅުވި އެވެ.
އާދެ ރިކޯޑުކޮށްފައި ހަމަ.. އަދި އެއްފަހަރު ދަންނަވަންވީތޯ.. އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބު ކުރާ ބޭފުޅަކާއި އެކުގައި މަސައްކަތް ކުރާނަން.. އަނެއްކާވެސް ރިކޯޑު ކުރާށޭ.. އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބު ކުރާ ބޭފުޅަކާއި އެކުގައި މަސައްކަތް ކުރާނަމޭ.. އަދި ބުނަންވީތޯ..
މިހުރިހާ މައްސަލައެއްގެ ތެރެއިން ޕާޓީ ދޫކޮށް ގޮސް، އެހެން ސިޔާސީ ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރުމަށް ފަހު އެނބުރި އަނެއްކާ އެމްޑީޕީއަށް އައުމަށް ދައްކާ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއްތޯއާއި އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ރައްޔިތުން ގަބޫލު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމުން ޝިއްޕެ ވިދާޅުވީ އޭރު ވެސް މައްސަލަ ޖެހުނީ ވެރިކަން ކުރުމާއި ގުޅޭގޮތުން ކަމަށެވެ.
މިހާރުގެ ހާލަތު އޮތް ގޮތަކީ ޝިއްޕެ ވިދާޅުވީ އެމްޑީޕީއަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށްވާއިރު އޮޕޮޒިޝަންއެއްގެ ގޮތުގައި ވަރުގަދަކޮށް ނުފެނުމެވެ. އެހެންކަމުން އެ ޝަކުވާއަށް ތަސައްލީއެއް ލިބުމަކީ ރައްޔިތުން އެދޭ ގޮތްކަމަށް ވާތީ، އެކުގައި މަސައްކަތް ކުރުމުގައި ގޯހެއް ނެތްކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފެއްދީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުމުގެ އަމާޒުގައިކަމަށާއި، އަދި އެމްޑީޕީއާއި ޝިއްޕެ ގުޅި އެހެން ބޭފުޅުން ވެސް އެމްޑީޕީއާއި އެކުގައި މަސައްކަތް ކުރުމަށް ބޭނުންވަނީ އޭރު ފެށި މަސައްކަތް ފެއިލްވީތީތޯ ސުވާލު ކުރުމުން ވިދާޅުވީ އަލި މަގެއް ނުފެނުމުން އިތުރު ގޮތެއް އޮތް ނަމަ އެގޮތާއި އެކު ކުރިޔަށް ދެވޭނެކަމަށެވެ.
ޝިއްޕެ ވިދާޅުވީ އަމިއްލަ ބޭނުންތައް އިސްކޮށްގެން، ގައުމަށް ވާނެގޮތެއް ވުމަށް ދޫކޮށްލައިގެން ނުތިބެވޭނެކަމަށެވެ. އަދި ވިދާޅުވީ މިހާރު ދައުލަތުގެ އެއްވެސް ސިފައެއް ނެތްކަމަށާއި އެހެންވީމަ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ދެވެން ނެތްކަމަށް ޝިއްޕެ ވިދާޅުވި އެވެ.

