ތުރުކީގެ ހާރިޖީ ވަޒީރު، ހާކަން ފިދާންގެ ދައުވަތަކަށް އަންތާލިތާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރު ވަނަ އެޑިޝަންގައި ބައިވެރިެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ކުރެއްވި ދަތުރުފުޅުގައި ”ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް“ ގެ ނަމުގައި ބޭއްވި މަތީ ފަންތީގެ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މިނިސްޓަރ ހަލީލް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ދުނިޔެއަށް ކުރިމަވަމުންދާ ނުރައްކާތަކުން އަރައިގަތުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމެސީ އިސްކުރުމުގެ މުހިންމު ރޯލްގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ދިމާވާ ނުތަނަވަސްކަން ކުޑަކުރުމުގައި ސަރަހައްދީ އަދި މަލްޓިލެޓަރަލް ޖަމިއްޔާ ޖަމާއަތްތަކުން އަދާކުރަމުންދާ މުހިންމު ދައުރު ހަލީލް ވަނީ ފާހަގަކުރައްވާފައެވެ.
ޖިއޯގްރަފީގެ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ ސްޓްރެޓީޖިކް މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ތަނަވަސްކަމަކީ މި ސަރަހައްދުގެ ހަމަޖެހުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެއް ކަމަށެވެ.
މި ޕެނަލް ޑިސްކަޝަންގައި ވަޒީރުގެ އަރިހުގައި ސަސަކަވާ ޕީސް ފައުންޑޭޝަންގެ ރައީސް ޑރ. އަޓްސުޝީ ސުނާމީއާއި ސްޓޮކްހޯމް ސެންޓާ ފޯ ސައުތު އޭޝިއަން އެންޑް އިންޑޯ ޕެސިފިކް އެފެއާޒްގެ ހެޑް ޕްރޮފެސަރު ޖަގަނަތު ޕަންޑާ ވެސް ބައިވެރިވެވަޑައިގަތެވެ.

