އިންޓަރ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އުޒްބަކިސްތާނުގެ ތަޝްކެންޓަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله އާއި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންފިއެވެ.
އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިއަށްދިޔަ އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ ކަންކަމުގެ ގޮންޖެހުންތައް ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް ބޮޑު ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ހަމަނުޖެހުމާއި އިގުތިސާދީ ލޮޅުންތައް ދުނިޔެއަށް އަންނަ މި ދަނޑިވަޅުގައި ގައުމުތަކުން އެއްބާރުލުންދިނުމާއި މަޝްވަރާގެ އުސޫލު ކުރިއަށް ނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ރާއްޖޭން ގަބޫލުކުރާ ހަމަތައް ކަމަށެވެ. އޭނާގެ ވާހަކައިގައި އަބްދުއްރަހީމް ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްކުރަން ގޮވާލައްވައިފަ އެވެ.
މި އަހަރުގެ އެސެމްބްލީގެ މައުލޫއަކީ އިޖްތިމާއީ ތަރައްގީ އާއި އިންސާފަށް ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރުއެވެ. ބައްދަލުވުން ކުރިއަށް ގެންދާ މައުލޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަމަށް ރާއްޖޭން ވަރަށް އިސްކަންދޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން ޔަގީންކޮށްދޭން މަޖިލީހުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިގުތިސޯދީ ބާރުވެރިކަން ކުރިއަރުވައި، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ވެސް ފާހަގަކުރެއްވި އެވެ.

