ސަރުކާރުގެ މައްޗަށް އެތައްް ތުހުމަތުތަކެއްކޮށް، އެމްޑީޕީން ކަންކަން އޮޅުވާލަމުން ދަނީ އެ ޕާޓީގެ ވެރިކަމުގައި ހިންގާފައި ހުރި ކަންކަން ފޮރުވުމުގެ ބޭނުމުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ލަތީފް ވިދާޅުވީ މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރާއި ސުވާލުކޮށްފައިވާނެކަމަށެވެ. ނަމަވެސް އަދި އެނގިފައިވާ ގޮތުން ފައިސާ ޗާޕުކުރުމުގެ އެއްވެސް މުއާމަލާތެއް ނުކުރެވޭކަމަށް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ސަރުކާރުގެ ހިންގު އަދި ކުރިއަށް ދަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ފައިސާ ޗާޕުނުކުރުމަށްވީ ވައުދާއި އެއްގޮތަކަމަށެވެ. ފައިސާ ޗާޕުކުރުމުގެ އެއްވެސް ވިސްނުމެއްވެސް ސަރުކާރުން ނުގެންގުޅޭކަމަށް ލަތީފް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓްރީއިންވެސް ފައިސާ ޗާޕުކުރުމަށް ނޭދޭކަމަށް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުމުގެ ވާހަކަ މި ދެކެވެނީ، އެހެންމަ ފައިސާ ޗާޕުކުރުމުގެ އެއްވެސް ކަމެއް ހިނގާފަ މިވަގުތަށް އަދި ނެތުމާއިއެކު، އަދި ނުވެސް ހިނގަން ކުރިއަކަށްވެސް އެކަމެއް ނެތް. އެހެން ނަމަވެސް އަބަދުވެސް އެމްޑީޕީގެ ފަރާތުން އެކަން އަންނަ ގޮތް ނޫން އެހެން ގޮތަކަށް ރައްޔިތުންނަށް އޮޅުވާލައިގެން އެ ވާހަކަ ދައްކަން ބޭނުންވާނީ.
އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ކަން އޮންނަ ގޮތް ރައްޔިތުންނަށް އޮޅުވާލުމަށްކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި 8 ބިލިއަނަށްވުރެ ގިނަ ފައިސާ ޗާޕުކޮށްފައި އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ފައިސާ ޗާޕު ކުރާކަމަށް ބުނެ އެމްޑީޕީއިން އޮޅުވާލަނީ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައި ހުރި މިފަދަ ކަންކަން ފޮރުވަންކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް އަމީރު ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމުގެ ތުހުމަތު ކުރައްވާފައެވެ. އެގޮތުން ސަރުކާރުން އަންގައިގެން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 15 ބިލިއަން ރުފިޔާ ޗާޕްކިރަން އުޅޭކަމަށްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަމީރު ވިދާޅުވީ އޭނާއަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭއިން 15 ބިލިއަން ރުފިޔާއަށް 22 ހެކްޓަރުގެ ބިމެއް އެޗްޑީސީން ހުޅުމާލެއިން ގަތުމަށް ނިންމާފައިވާކަމަށެވެ. 22 އަކަފޫޓުގެ ބިމުން ބޭނުންކުރެވޭ އަކަފޫޓަކަށް 10 ހާސް ރުފިޔާއަށް ވުރެ ބޮޑު ކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 22 ހެކްޓަރު ގަތުމަށް ބޭނުންވާ ފައިސާ އެމްއެމްއޭއިން ޗާޕްކުރަން ނިންމާފައިވާކަމަށް ޔަގީންކުރެވޭ ކަމަށެވެ. އޭގ ސަބަބުން ރާއްޖެގެ އިގްތިސާދީ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ އޭގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް މަތިވެ އިންފްލޭޝަން މަތިވެގެން ދާނެ ކަމަށާއި އަދި ދިވެހިރުފިޔާ ބަލިކަށިވެ ރާއްޖޭގައި އެކްސްޗޭންޖް ރޭޓް މަތިވެ ގޯސް އަސަރުތަކެއް ކުރާނެކަމަށެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއްގެ ސިފައިގައިވެސް ހުށައެޅިއެވެ. ސަރުކާރު މެންބަރުން ވަނީ އެ ގަރާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެއީ ތާކުން ތާކު ޖެހޭ ގަރާރެއް ނޫންކަމަށް ވިދާޅުވިއެވެ.

