ދިވެހި ފުލުހުންގެ ޚިދުމަތާއި ތައުލީމީ ވުޒާރާ ގުޅިގެން، ސްކޫލުތަކުގެ ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ކުރިއަށްގެންދާ ‘’ކޭމްޕު ފުރާވަރު“ ގެ 106 ވަނަ ކޭންޕު ތ. ވިލުފުށީ ސްކޫލުގައި ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި ކޭމްޕަކީ މި އަހަރުގެ ދިރާސީ އައު އަހަރު ފެށިގެން ކުރިއަށް ގެންދާ ފުރަތަމަ ކޭމްޕެވެ. ވިލުފުށީ ސްކޫލުގެ ގްރޭޑް 8 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ޖުމުލަ 90 ދަރިވަރުންނާއެކު މި ކޭންޕު ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
މި ކޭންޕު ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކުގައެވެ.
މި އަހަރުގެ ކްރައިމް ޕްރިވެންޝަން ޕާޓްނަރުންނަަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބެންކު އޮފް މޯލްޑިވްސް އަދި ޕްރޮކްސީ ޝޯރޫމެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
މި ކޭންޕު ކުރިއަށް ގެންދިއުމުގައި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުންގެ ފަރާތުން ޝުކުރުއަދާކުރަމެވެ.

