އަހަރުގެ މިހާތަނަށް 700،000 އާއި ގާތް ކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 656،828 ފަތުރުވެރިންނެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 5.7 އިންސައްތަ އިތުރެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ މާޗް މަހުގައި 203،464 ފަތުރުވެރިން އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމުގެ ތެރެއިން އެންމެ ކުރީގައި އޮތީ ޗައިނާއެވެ. ޗައިނާއިން 77,840 ޒިޔާރާތްކޮށްފައިވެއެވެ. ދެވަނައަށް އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާރުން 74,336 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. ތިންވަނައިގައި އޮތް ރަޝިއާއިން 72,713 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެމީހުންގެ ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. މިގޮތުން 69.7 އިންސައްތަ ނުވަތަ 479,491 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 24.8 އިންސައްތަ ނުވަތަ 170,662 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދަނީ 175 ރިސޯޓާއި، 842 ގެސްޓްހައުސްއާއި، 156 ސަފާރީ އުޅަނދާއި އަދި 15 ހޮޓަލުންނެވެ. މީގެ ތެރެއިން ހޮޓާތަކުގައި 20,148 ފަތުރުވެރިންނާއި، ސަފާރީ އުޅަނދުތަކުގައި 17,149 ފަތުރުވެރިން އަދި އެހެނިހެން ތަންތަނުގައި 466 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

