ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ފުމުމުގައި 10 އަހަރު، ފިޔަޖަހަނީ މީޑިއާގެ އެންމެ އުހުގަ!

ޝެއާރކޮށްލާ ކަހަލަދޯ؟

2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގޮތުގައި ހިފުމަށް އަޒުމު ކަނޑައަޅައި، ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި ސަންގު ޓީވީގެ ފުރަތަމަ ބްރޯޑްކާސްޓް ފެށިގެން ދިޔައެވެ.

މިއަދު، ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކުރެވުނު މި ދިގު ދަތުރުގައި ކުރިމަތިވި ގޮންޖެހުންތަކާއި، ލިބުނު ކާމިޔާބީތައް ތިޔަ އަގުހުރި ބެލުންތެރިންނާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާކަމީ ސަންގު ޓީވީގެ މުޅި ޓީމަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. މި ނަސީބު މިންވަރުކޮށްދެއްވި ކަމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ.

2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ސަންގު ޓީވީ އުފަންވެގެން އައި އިރު، ދިވެހިރާއްޖޭގެ މީޑިއާގެ މަޝްރަޙަކީ ނުހަނު ހަލަބޮލި އަދި ވާދަވެރި މާޙައުލެކެވެ. ޚާއްޞަކޮށް، ދިވެހިރާއްޖޭގެ މީޑިއާތަކުގެ ހިންގުމުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ވަދެފައިވުމަކީ ޙަޤީޤަތެކެވެ.

”ސަންގު ޓީވީ“ ލޯންޗް ކުރުމުގެ ރަސްމިއްޔާތުގައި ސަންގު ޓީވީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވާހަކަފުޅު ދައްކަވަނީ

ތަޖުރިބާކާރު ކުޑަ ޓީމަކާއެކު ސަންގު ޓީވީ މި މަޝްރަޙަށް ނުކުތުމާއެކު، އެންމެ ފުރަތަމަ ކުރިމަތިވި ގޮންޖެހުމަކީ މީޑިއާތަކުގެ މައްޗަށް ފޯރާފައިވާ ސިޔާސީ ނުފޫޒެވެ. މިގޮތުން، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި، ޖަލްސާތަކާއި، އެހެނިހެން ސިޔާސީ ޙަރަކާތްތައް ކަވަރުކޮށް، ސަންގު ޓީވީގެ ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް އެތައް ފަރާތަކުން ހުރަސްއެޅިއެވެ.

އެހެންނަމަވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުގެ ބޭނުންހިފައި، ފަސްޖެހުމެއްނެތި ސަންގު ޓީމުން ކުރި މަސައްކަތުގެ އަލީގައި، ބެލުންތެރިންނަށް އެ މަންޒަރުތައް ގެނެސްދެވުނުކަމީ އަލަށް ފެށި ސަންގު ޓީމަށް ލިބުނު ނުހަނު ބޮޑު ހިތްވަރެކެވެ. އޭރުވެސް އަދި މިހާރުވެސް ސަންގު ޓީވީގެ އަމާޒަކީ ވަކި ފިކުރަކަށް ނުވަތަ ވަކި ކުލައަކަށް ބެލުމެއްނެތި، ހިނގަމުންދާ ކޮންމެ ކަމެއްގެ މަންޒަރު ވަގުތުން ވަގުތަށް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ސަންގު ޓީމުން މި އަޒުމުގައި ކުރަމުންދިޔަ ބުރަ މަސައްކަތުގެ ތެރެއިން، ސަންގު ޓީވީގެ މުދަލަށާއި ސަންގު ޓީމަށް ގިނަގުނަ ގެއްލުންތަކެއް ލިބުނެވެ. ޓީމުގެ ބައެއް މެންބަރުންނަށް އެކި ޙާލަތްތަކުގައި ކުރިމަތިލާން ޖެހުނު ބިރުވެރިކަމާއި ލިބުނު އަނިޔާތަކުގެ ސަބަބުން، ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުނު ފަހަރު މަދެއް ނޫނެވެ. ނޫސްވެރިންނަށާއި މީޑިއާތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުން ސަންގުގެ މުދަލަށް ގެއްލުންދީ، ތަކެތި ގެންދިޔައީ މަދުން ނޫނެވެ. މިއަދާ ހަމައަށް ވެސް ސަލާމަތީ ޚިދުމަތްތަކުގެ ސަބަބުން ސަންގަށް ލިބުނު ގެއްލުންތަކުގެ ބަދަލާއި އިންސާފު ލިބިފައި ނުވާކަމީ ހިތާމައާއެކު ސަންގު ޓީމުން ފާހަގަކުރާ ކަމެކެވެ.

މުޒާހަރާއެއްގެ ތެރެއިން ސަންގު ޓީމަށާއި ތަކެއް ލިބުނު ގެއްލުން، އަދި ވެސް އިންސާފެއް ނުލިބޭ

ސަންގު ޓީވީއަށް ޖޫރިމަނާއާއި އެކި ބާވަތުގެ އަދަބު ދެވުނު ނަމަވެސް، އެ ހުރަސްތަކަކީ ސަންގު ޓީމަށް އިތުރު ހިތްވަރާއި ފޯރި ލިބިގެންދިޔަ ކަންކަމެވެ. މި ގޮތުން، 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙަށް އައި ބަދަލުތަކާ ގުޅޭ މަޢުލޫމާތު އެންމެ އަވަހަށް، އެންމެ ތާޒާކަމާއެކު ގެނެސްދިން މީޑިއާ ވަސީލަތަކީ ސަންގު ޓީވީއެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ މަޢުލޫމާތުޫމާތު، އެންމެ ފުރަތަމަ އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނީ ސަންގު ޓީމެވެ. އެ ދުވަސްވަރު، ސަންގުގެ މުވައްޒަފުން ނިދައި، ކައިބޮއި އުޅުނީ ސަންގު އޮފީހުގައެވެ.

އެ ދުވަހުގެ ފަތިހު 5:00 އާ ހަމައަށް ކަވަރޭޖު ގެނެސްދިނުމަށްފަހު، ހެނދުނު 7:00 އާ ހަމައަށް އަނެއްކާވެސް ކަވަރޭޖު ކުރިއަށް ގެންދެވުނެވެ. ސިޔާސީ ޝަޚްޞިއްޔަތުތައް ހައްޔަރުކުރަމުންދިޔަ ތަންތަނަށް އެންމެ ފުރަތަމަ ޙާޟިރުވީވެސް ސަންގުގެ ނޫސްވެރިންނެވެ. މިއީ ސަންގު ޓީމުގެ ހިތްވަރާއި ކާމިޔާބީގެ ކުޑަކުޑަ ތަޞައްވުރެކެވެ.

ސަންގުގެ މިދިޔަ 10 އަހަރުގެ ތާރީހުގައި، ތަނަށް ދިމާވި ކޮންމެ ހާލަތަކުން ފެށިގެން ބޮޑެތި ކަވަރޭޖުތަކުގައި މުވައްޒަފުން ދައްކާފައި ވަނީ ގަދަ ހިތްވަރެކެވެ. 2020 ވަނަ އަހަރު މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގައި ތަނުގެ މުވައްޒަފުންތަކެއް ލޮކްޑައުންވެ ދިޔައީ އާންމު ރައްޔިތުންނާއި ހަމައަށް ދުވަހުގެ އަދާހަމަތައް ފުރިހަމައަށް ގެނެސްދެމުންނެވެ.

ކޮވިޑު-19 ގެ އެންއީއޯސީ ޕްރެސްތަކުން ފެށިގެން ގޮސް، ހަބަރާއި ޕްރޮގްރާމުތައް ޝެޑިއުލްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނީ އަޅުގަނޑުމެންގެ ހިތްވަރުގަދަ މި ޓީމުންނެވެ.

މަދު މުވައްޒަފުންތަކާއި އެކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ބަލިމަޑުކަމުގެ ތެރޭގައި ތަނަށް ވެސް ބޮޑެތި ގެއްލުންތަކާއި ދިމާވިއެވެ. އެހެން ނަމަވެސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކި ނުކޮށް ނުވަތަ ނޯޕޭއަކަށް ނުގޮސް މުސާރަ ބަރާބަރަށް ދޫކޮށްފައިވެއެވެ.

ރާއްޖެއިން ކޮވިޑުގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުމުގެ ކުރިޔަށް ސަންގުގެ ނިއުސްރޫމްއިން، އެ ހަބަރުތައް ކަވަރު ކުރާނެ ވަކި ޓީމެއް ކަނޑައަޅައި އެންމެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ދޫނުކޮށް ހުރިހާ ޕްރެސްއެއްގައި ބައިވެރިވެފައި ވާނެ އެވެ. އަދި ކޮވިޑުގެ ކޭސްއެއް ފެންނަ ހާލަތެއްގައި ތަން ލޮކްޑައުންއަކަށް ދާނެކަމާއި އެހާ ހިސާބުން އޮފީހުގައި ތިބެގެން މަސައްކަތް ކުރާނެ 4 މުވައްޒަފެއް ކަނޑައެޅި އެވެ. އެއީ ކޮންމެ ޑިޕާޓްމަންޓަކުން ވެސް އެއް ސްޓާފެވެ.

އެދުވަސް ވަރަކީ، ސަންގު އޮފީސް އިމާރާތުގެ އެހެން ފްލޯއެއް އޮފީހުގެ ބޭނުމަށް ނަގާފައި ހުރި ދުވަސްވަރެއްކަމަށްވުމާއި އެކު ދެ ކޮޓަރިއެއްގައި އެނދުތައް ބަހައްޓައި ބޭނުންވާ ތަކެތި ވެއްދި އެވެ. ދޮޅު މަސް ވަންދެން އެ ހަތަރު މުވައްޒަފުން ވެސް ކައްކައި ކައިބޮއޮ މުވައްޒަފުން ނިދީ އެތަނުގައެވެ.

މާލެ ދެވަނަ ފަހަރަށް ލޮކްޑައުންއަކަށް ދިއުމުން، އަނެއްކާވެސް ބައެއް ސްޓާފުން އޮފީހުގައި ލޮކްޑައުންވިއެވެ. ކުރިއެކޭ ވެސް އެއްގޮތަށް އަނެއްކާވެސް މުވައްޒަފުން ނިދައި، ކައިބޮއެ މަސަައްކަތް ކުރީ އޮފީސް އިމާރާތުގަ އެވެ. މި ހިއްސާކޮށްލީ ކޮވިޑުގައި ސަންގު ޓީމު މަސައްކަތް ކުރި ގޮތުގެ ކުޑަކުޑަ މިންވަރެކެވެ.

ކޮންމެއަކަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ސަންގު ޓީމުން އަނެއްކާވެސް އަމާޒު ހިފީ ތަފާތު ކަވަރޭޖަކަށެވެ. އިންތހާބުގައި ވާދަކުރި ވާދަވެރި ކެންޑިޑޭޓުންނާއިއެކު ކޮންމެ ރަށަކަށް ވަކިވަކިން ދަތުރުކުރަމުން ދިޔައީ، އެންމެހައި އާލާތްތަކާއެކުގައެވެ. އެއް ޓީމު ކެމްޕޭން ދަތުރުތަކުގައި ހަރަކާތްތެރިވަމުންދިޔައިރު، ސަންގު ޓީވީން ދިޔައީ ސްޓޫޑިއޯއިން އެކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ގެނެސްދެމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސަންގުން ކުރި މަސައްކަތަކީ މީޑިއާ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން ތާރީހީ ބޮޑު ކާމިޔާބީއެކެވެ. ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ހިނގާ އެންމެހައި ކަންކަން އިންސާފުވެރިކަމާއެކު ގެނެސްދޭ ސަންގު ޓީވީން، ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ވަނީ ހަމަހަމަ ފުރުޞަތު ދީފައެވެ. މީގެ ތެރޭގައި ޖަލްސާތައް ދެއްކުމާއި، ކަވަރުކުރުމުގެ އިތުރުން ޕްރޮގްރާމްތަކުގައި ސިޔާސީ ޕާޓީތަކަށް ވަނީ ހުރިހާ ވަގުތެއްގައިވެސް ފުރުޞަތު ދީފައެވެ.

2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ސަންގު ޓީވޗީން ގެނެސްދިން ސަންގު ބަހުސްގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ގޮތުގެ ޔޫރަޕިއަން ޔޫނިއަންގެ އިންތިޚާބު ރިޕޯޓުގައި، ކެންޑިޑޭޓުންނާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ގެނައުމަށް ސަންގު ޓީވީން މަސައްކަތްކުރިއިރު، އެހެން މީޑިއާތަކުން އެފަދަ މަންޒަރެއް ނުފެނުނު ކަމަށް ފާހަގަކޮށްފައިވެއެވެ. ސަންގު ޓީވީން ”އާސްކް މުޢިއްޒު“ ގެ ނަމުގައި ގެނައި ކަވަރޭޖެއްގެ ދަށުން އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުޞަތު ދިންކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އީޔޫގެ މި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓުންގެ ހުރިހާ ޚަބަރެއް ފުރިހަމަކޮށް ގެނެސްދީ، އެޑިޓޯރިއަލް މިންގަނޑުގެ ދަށުން ހަމަހަމަ ފުރުޞަތު ދިން ހަމައެކަނި މީޑިއާއަކީ ސަންގު ކަމަށެވެ.

ސަންގު ޓީވީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް ފާހަގަކުރެވިފައިވަނީ ހުރިހާ ކޮންޓެންޓެއް ގެނެސްދޭ ޗެނަލެއްގެ ގޮތުގައެވެ. އަދި އެއްވަގުތެއްގައި ޖަލްސާތައް ބޭއްވުނު ނަމަވެސް، އެ މަންޒަރުތައްވެސް ބެލުންތެރިންނަށް ސަންގު ޓީވީން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަގުތުން ގެނެސްދީފައިވާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ފާހަގަކޮށްލެވޭ އެއް ހަރަކާތްކަމުގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އިންތިޚާބާ ގުޅިގެން ސަންގު ޓީވީން ގެނެސްދިން ”ސަންގު ބަހުސް“ އަކީ ރާއްޖޭގެ މީޑިއާގެ ތާރީޚުގައި ވެސް އެންމެ ފޯރިގަދަ އަދި ކާމިޔާބު އެއް ބަހުސްކަމުގައި ފާހަގަކުރެވެއެވެ. މި ބަހުސްގެ ކާމިޔާބީއާއެކު، ސަންގު ޓީވީއަށް ލިބުިބުނު އިތުބާރާއި ޝަރަރަފުގެ ސަބަބުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ބައިވެރިވި ފުރަތަމަ ރިޔާސީ ބަހުސް ބޭއްވުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. މިއީ ރާއްޖޭގެ އަމިއްލަ މީޑިއާ ސްޓޭޝަނަކުން މިފަދަ މުހިންމު ބަހުސެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ބަހުސްގައި، އިންތި އާއި ފައްޔާޒް/ ފޮޓޯ: ސަންގު ޓީވީ

ސަންގު ޓީވީން އިންތިޒާމުކޮށްގެން ބޭއްވި ރިޔާސީ ބަހުސަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި ބަހުސްކަމުގައިވެސް ފާހަގަކުރެވެއެވެ. މި ބަހުސް ގެނެސްދިނުމުގައި ސަންގު ޓީމުގެ ޕްރޮފެޝަނަލިޒަމާއި މޭސްތިރިކަން ފާހަގަކޮށްލެވުނެވެ. އަދި ރާއްޖޭގެ އެހެނިހެން ޓެލެވިޜަން ސްޓޭޝަންތަކުން ވެސް ”ސަންގު ރިޔާސީ ބަހުސް“ ދެއްކުމަކީ ސަންގު ޓީވީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

މި ފުރުޞަތުގައި، ”ސަންގު ރިޔާސީ ބަހުސް“ ގެނެސްދިނުމުގައި އެހީތެރިވެދެއްވި ރާއްޖޭގެ އެންމެހައި މީޑިއާ ވަސީލަތްތަކަށާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ބޭއްވި ސަންގު ބަހުސް- ރިޔާސީ ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަލާމްކުރައްވަނީ.

ސަންގު ޓީމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރައްޔިތުންނާ ހަމައަށް ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް ކުރިމަތިލީ، ކުރިން ބޭއްވުނު ރިޔާސީ ބަހުސް ކަވަރުކުރުމުގައި ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީގެ ހިތްވަރުގައެވެ.

މާތްﷲގެ ރަޙްމަތްފުޅާއެކު، ސަންގު ޓީމުގެ ހަރުދަނާ މަސައްކަތުން ޙާޞިލުކުރެވުނު ނަތީޖާ ވަނީ އުންމީދުތަކަށްވުރެ މަތިވެފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެންމެހައި ވޯޓުފޮށިތަކުގެ ނަތީޖާ އިޢުލާނުކޮށް ނިންމުމުގައި އެންމެ އަވަސް މީޑިއާގެ މަޤާމު ސަންގު ޓީމުން ވަނީ ހޯދާފައެވެ.

ދެން އަޅުގަނުގަނޑުމެން އަލިއަޅުވާލާނީ ޓީމުގެ މެންބަރުންނަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ސަންގަށް ލިބުނު ޝަރަފްވެރި އެވޯޑުތަކުގެ މައްޗަށެވެ. ސަންގު ޓީމުގެ ހީވާގި މަސައްކަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ، 2020 ވަނަ އަހަރު ސަންގު ޓީވީގެ ނިއުސްހެޑް ސަހުބާން ފަހުމީ މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިޚާބުވެ، އެ ކައުންސިލުގެ ރައީސްކަމަށް ޢައްޔަންކުރެވުމެވެ.

”ސަންގު ޓީވީގެ ނިއުސް ހެޑް ސަހުބާން ފަހުމީ އެމްއެމްސީގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަނީ

މީގެ އިތުރުން، 2020 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކުރި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، އެންމެ ޝަރަފްވެރި ދެ އެވޯޑު ސަންގު ޓީމަށް ލިބިގެންދިޔައެވެ. އެ އަހަރު އެމްއެމްސީގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގައި ބްރޯޑްކާސްޓިންގ އަދި އޮންލައިން މީޑިއާގެ ދާއިރާތައް އެއްކޮށްލާފައިވާއިރު، ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެންމެ ގިނަ އެވޯޑު ހާސިލުކުރި ފަރާތަކީ ސަންގު ޓީވީއެވެ. މި ގޮތުން، 2020 ވަނަ އަހަރުގެ ސިޔާސީ ދާއިރާގެ ޚަބަރުތައް ކަވަރުކުރުމާއި ގެނެސްދިނުމުގައި އެންމެ މޮޅު ނޫސްވެރިޔާގެ މަޤާމު ހާސިލުކުރީ ސަންގު ޓީވީގެ މާހަތު ހުސައިން ރަޝީދު މާތު ސަންގުއެވެ.

އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަނީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް، ހަމައެކަނި ބްރޯޑްކާސްޓިންގ ދާއިރާއަށް ޚާއްޞަކޮށްގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކުރި އެވޯޑް ޙަފްލާގައި، އެންމެ ޝަރަފުވެރި އެވޯޑު ހާސިލުކުރުމުގެ މަތިވެރި ޝަރަފު ސަންގު ހީވާގި އަދި ކުޑަކުޑަ ޓީމަށް ލިބިގެންދިޔަކަމެވެ. މިއީ އަޅުގަނޑުމެންގެ ޓީމުގެ ހުނަރުވެރިކަމާއި، ވަފާތެރިކަމާއި، އަދި ދުވަހުން ދުވަހަށް ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރެވިގެންދިޔަ ވަރަށް މުހިންމު ވަގުތެކެވެ.“

2022 ވަނަ އަހަރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢާރަފުކުރި ”ބްރޯޑްކޮމް“ އެވޯޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކެޓަގަރީ ކަމުގައިވާ ”ބެސްޓް ކަރަންޓް އެފެއާޒް“ ގެ އެވޯޑް ހާސިލުކުރީ ސަންގު ޓީވީއިން ގެނެސްދިން ”ސަންގު ބަހުސް“ ޕްރޮގްރާމެވެ. ދިވެހިރާއްޖޭގެ ގިނަ ޓެލެވިޜަން ޗެނަލްތަކުން ކަރަންޓް އެފެއާޒްގެ ޕްރޮގްރާމްތައް ގެނެސްދިން ނަމަވެސް، މި ކެޓަގަރީއަށް ނޮމިނޭޓްވެފައިވަނީ ހަމައެކަނި ސަންގު ޓީވީގެ ތިން ޕްރޮގްރާމެވެ. އެއީ ”ސަންގު ބަހުސް“ގެ އިތުރުން ”ވިންދު“ އަދި ”ޚަބަރަށްފަަށްފަހު“ ޕްރޮގްރާމެވެ. މިކަމުން ސަންގު ޓީވީގެ ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ހާމަވެގެންދެއެވެ.

ސަންގު ޓީމުގެ ކާމިޔާބީތަކުގެ ދަތުރު އިތުރަށް ފުޅާވެގެން ދިޔައެވެ. ސަންގު ޓީވީގެ ނިއުސް އެންޑް ކަރަންޓް އެފެއާޒް އެޑިޓަރު މާހަތު ހުސައިން ރަޝީދު (މާތު) އަށް ”4 ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022“ ގައި ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑު ލިބުމަކީ ސަންގު ޓީމަށް ލިބުނު އިތުރު ފަޚުރެކެވެ. މި ފަހަރު މާތުއަށް ލިބިފައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު ލީޑަރޝިޕް ދެއްކެވި ނޫސްވެރިޔާގެ (ލީޑަރޝިޕް އެކްސެލެންސް އިން ދަ ފީލްޑް އޮފް ޖާރނަލިޒަމް) އެވޯޑެވެ.

ވިމް އެވޯޯޑުގެ ތެރެއިން ސަންގުގެ އެޑިޓަރު މާހަތު އަދި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ: ފޮޓޯ/ ރައީސް އޮފީސް

މިއަދު ސަންގު ޓީވީއަށް 10 އަހަރު ފުރި، 11 ވަނަ އަހަރަށް ފައިތިލަ ސާބިތު ކުރާއިރު އަޅުގަނޑުމެންގެ ލޮބުވެތި ބެލުންތެރިންނާ ހިއްސާކޮށްލަން ބޭނުންވަނީ ތާރީޚީ ހަޤީޤަތެކެވެ. 2015 އޭޕްރިލް 30 ވަނަ ދުވަހު ސަންގު ޓީވީ އުފަންވިއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނެ އިއްޒަތްތެރިއަކު ވަޑައިނުގަތުމާއެކު، ހާޒިރުވެވަޑައިގެންނެވި ބައެއް ބޭފުޅުން ވެސް ތަޤްރީރު ފެށުމާއެކު ރަސްމިއްޔާތުން ވަކިވެވަޑައިގަތެވެ. އެހެންނަމަވެސް، މިއަދު 10 އަހަރު ފަހުން، އެ ހުރިހާ ހީ ބިރުތަކެއް ފިލައި، ޙަޤީޤަތް ސާފުވެފައިވާއިރު، މި ޓީވީއަށް ވަޑައިނުގަންނަވާ ނުވަތަ ޕްރޮގްރާމެއްގައި ބައިވެރިނުވާ ބޭފުޅަކު ނެތް ކަމަށް ބުނުމަކީ ޙަޤީޤަތެކެވެ.

ސަންގު ޓީވީީ ރަސްމީކޮށް އިފްތިތާޙުކުރެވުނު ރޭ، ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން، ދިވެހިބަހުގެ އުސްތާޛު އަބްދުﷲ ސޯދިޤު (ސޯދުބެ) ވިދާޅުވެފައިވަނީ ސަންގު ޓީވީއަކީ ތެދުވެރި މީޑިއާއެއް ކަމަށެވެ. އެ ވިދާޅުވުމާ އެއްގޮތަށް، ހުރިހާ ފިކުރަކާއި ކުލައެއްގެ ބޭފުޅުންނަށް ހިތްހަމަޖެހުމާއެކު ސަންގު ޓީވީގެ ސްކްރީނުގައި، އިތުބާރާއެކު ވާހަކަދެއްކެވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވެއެވެ.

ނިންމާލުމުގެ ކުރިން، ސަންގު ޓީވީއަށް ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައިވާ މިހާރުގެ ޓީމަށާއި، ކުރީގެ މުވައްޒަފުންނަށް މެނޭޖްމަންޓުގެ ފަރާތުން އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ.  ފާހަގަކޮށްލަން ބޭނުންވަނީ، މިއަދު ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއެކު ހުރިހާ ކުލައެއްގެ ޚިޔާލުތައް އެއް ސްކްރީނަކުން ފެންނަ ހަމައެކަނި ސްކްރީނަކީ ސަންގު ސްކްރީނެވެ. މިއީ ދިވެހި އެއްވެސް ރައްޔިތަކު ދެބަސްވާނެ ކަމެއް ނޫނެވެ.

މި ބޮޑު ކާމިޔާބީގެ އެންމެހައި ޝުކުރު ރައްދުކުރަން ބޭނުންވަނީ، ފޫހިކަމެއްނެތި ސަންގު ބައްލަވަމުން ގެންދަވާ އަގުހުރި ބެލުންތެރިންނަށެވެ. ސަންގު ޓީމަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އަޅުގަނޑުމެންގެ އިޚްލާޞްތެރި ދުޢާއަކީ ސަންގު ޓީވީއަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީ ލިބިގެންދިއުމެވެ. އާމީން.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: