އިޖުތިމާއީ މަޝްރޫއުތަކާއި ހަރަކާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕެންޝަން އޮފީހުން ސީއެސްއާރު ގްރާންޓް ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ.
މި ޕްރޮގްރާމަކީ ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށް އަމާޒުކޮށްގެން ތަޢާރަފުކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ.
މީގެ އިތުރުން ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށްވެސް މި ގްރާންޓުގެ ދަށުން އެހީތެރިކަން ލިބޭނެއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން އަހަރަކު އެއްފަހަރު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު މި އަހަރުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހަރަކާތަކަށް 200,000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 15 މޭ 2025 ވާ ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
މި ޕްރޮގްރާމަކީ އިޖުތިމާއީ ޒިންމާގެ ދަށުން ޕެންޝަން އޮފީހުން ކުރިއަށްގެންދާ އައު އިސްނެގުމެއް ކަމަށްވެފައި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމު ޕްރޮގްރާމުތަކެއް މީގެ ސަބަބުން ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދުކުރެވެއެވެ.

