އިންޑިއާގައި ކުރިއަށް ގެންދާ ބެޓްލް އޮފް ދަ ބޭންޑްސް އިންޓަރނޭޝަނަލްގެ ދެވަނަ ރައުންޑުގައި ރާއްޖެ ތަމްސީލުކުރާ ބޭންޑު ޓޫއޮފްއަސްއިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.
އިންޑިއާގެ ޓީވީ ޗެނަލް ޑީޑީ ނެޝަނަލް އަދި މަގުބޫލު މިއުޒިކް ލޭބަލް ސަރެގަމަ ގުޅިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ މިއުޒިކް ރިއާލިޓީ ޝޯގައި ދިވެހި ބޭންޑެއް ބައިވެރިވުމަކީވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް މިފަދަ މާހައުލެއްގައި ދިވެހިންގެ ވާދަވެރިކަން ހުރި މިންވަރާއިމެދު އޭރު ސުވާލުތަކެއް އުފެދިފައިވެއެވެ.
ޝޯ ފެށުމާއިއެކު ޓޫއޮފްއަސްއިންވަނީ އެ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ދީފައެވެ. އެންމެ ފުރަތަމަ ރައުންޑުގައި އިއްވާލީ އިންޑިއާ އަދި ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ރަންޒަމާނުގެ ލަވައެއްކަމަށްވާ ”ސަމްޖޯ އިޝާރޭ“ މި ލަވައެވެ. އެ ލަވަވެސް ގެނެސްދިނީ ފުރިހަމަ ޕްރެޒެންޓޭޝަނަކާއިއެކު މިއުޒިކް އަދި މުޅި ލަވަސްވެސް އަމިއްލައަށް ރާވައި ބޮޑެތި ބަދަލުތަކެއް ގެނެސް ގެންނެވެ. މިއީ އާންމު ނަޒަރިއްޔާއަކުން ބޮޑު ރިސްކެއް ނަމަވެސް ލަވަ ފެށުމާއިއެކު ކަންބޮޑުވުންތައް ފިލައިގެން ދިޔައެވެ. މުޅި މައިިދާނުން އިވިގެންދިޔައީ ތަރުހީބުގެ އަޑެވެ. ޖަޖުންގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ. އެ ދުވަސް ނިމިގެންދިޔައީ ދިވެހިންނަށާއި ދިވެހި މިއުޒިކް ސީނަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމާއިއެކުއެވެ.
މިއާއިއެކު ދެވަނަ ރައުންޑު އަޑުއަހާލުމަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނެވެ. ބޭންޑުގެ ފަރާތުން ދެން ގެނެސްދޭނެ ލަވައެއް ނުވަތަ އިވިގެންދާނެ އަޑުތަކަކީ ކޮބައިތޯ ހޯދާލުމަށް ގިނަ މަސައްކަތްތަކެއް ކުރީމެވެ. ނަމަވެސް އެވެރިން ތިބީ އިހުލާސްތެރިކަމާއިއެކު ދިވެހިން ފަހުރުވެރިވާނެ ފަދަ މަސައްކަތްތަކެއް ގެނެސްދިނުމަށްޓަކައި ހުއްޓުމެއް ނެތި ޕްރެކްޓިސްގައެވެ. ނަމަވެސް އާއިލާ އަދި ގާތްތިމާގެ މީހުންނާއި ދުރުގައި ތިބިނަމަވެސް އެވެރިންގެ ހިތުގައި އޮތީ ރާއްޖެކަން ޔަގީނެވެ.
މިކަން އެނގިގެންދިޔައީ ދެވަނަ ރައުންޑުގެ ހުށައެޅުމުންނެވެ. ދެވަނަ ރައުންޑުގެ ޖަޖުންގެ ތެރޭގައި ބައިނަލްއަގުވާމީ މިއުޒިކް ސީނުގެ އެންމެ ފުންނާބު އުސް އެއް ކޮމްޕޯޒަރު އަނޫ މަލިކްވެސް ހިމެނުނެވެ. އިންޑިއަން އައިޑަލްފަދަ ޝޯތައް ބައްލަވާ ފަރާތްތަކަށް އަނޫ މަލިކްގެ ފާޑުކިޔުންތައް ހުންނާނެ ގޮތް އެނގިލައްވާނެއެވެ. ހެދޭ ގޯސްތައް ފާހަގަނުކޮށް ނުދާނެއެވެ. އޭނާއަކީ އިންޑިއާގެ އެ ދާއިރާގައި އެންމެ ޓެކްނިކަލް އެއް ފަންނާނެވެ.
ދެވަނަ ޕާފޯމެންސް ފެށީ މުޅި ރާއްޖެއިންވެސް ބަލައިގަނެފައިވާ މެޒޯ މުހައްމަދުގެ މަގުބޫލު ލަވަ ”ކަމަނަ ގޯތީ އާދަނުތާ“ ނުވަތަ ”މޮޅު އޮޑި“ ލަވައިންނެވެ. އެ ލަވަ ނިމިގެންދިޔައީ މޭނާ ހައްސާންގެ ”މިލަމިލަ ހަނދުވަރު“ ލަވައާއި ގުޅުވާލުމާއިއެކުއެވެ. މި ޕާފޯމެންސްގެ ތެރެއިން ލައިންއަޕްގައި ހިމެނޭ ހުރިހާ މެމްބަރުންގެ ހުނަރުވެރިކަން ސާފުކޮށް ޝޯކޭސްކޮށްލެވުނެވެ. އެންމެ ފުރަތަމަ ރޭވިފައިވާ ގޮތުން އިވިގެންދިޔައީ ހީބިހި ނަގާވަރުގެ ބޭސް ނޯޓުތަކެކެވެ. މި ފުރިހަމަކަން ގެނެސްދީފައިވަނީ ބޭސިސްޓް ޖަޝީމްއެވެ.
އެއަށްފަހު މުޅި ބޭންޑުގެ ގުޅިފައިވާ އަޑުގެ ތެރެއިން ގުގުމާލީ ވޯކަލިސްޓް އަދި މިހާރު ރަސްމީގޮތުން އެންޓަރޓެއިނަރެއްގެ ޖާގަ ހޯދާފައިވާ މަގުބޫލު ފަންނާނު އަދުހަމްއެވެ. މަގުބޫލު ގިޓަރިސްޓު ޝަހީދުގެ ފަރިތަ ސޯލޯއެއް އިވިގެންދިއުމަށްފަހު ދެލަވަ ގުޅުވާލަދިނީ ދެވަނަ ވޯކަލްސް އަދި ރިދަމް ގިޓަރޒް ނަސޫހުއެވެ. ދިވެހި ވަންތަ ބޮޑުބެރުގެ ހިތްގައިމު އަޑުތަކާއިއެކު ދެވަނަ ލަވައަށް މުޅި މައިދާން ތައްޔާރުކޮށްލަދިނީ ހުނަރުވެރި ޑްރަމަރު ޝަމްރޫހުއެވެ. ޕާފޯމެންސްގެ ތެރެއިންވެސް ޖަޖުންނާއި ވަށައިގެންވާ މާހައުލު ދައްކަމުންދިޔައެވެ. މުޅި މާހައުލުންވެސް ފެނިގެންދިޔައީ ދިވެހިންނަށް އޮތް ތަރުހީބެވެ. ފެނިގެންދިޔައީ ދިވެހި މިއުޒިކް ސީނަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ އުންމީދުގެ ކުލަވަރުތަކެކެވެ.
އެންމެ ފުރަތަމަ ޖަޖެއްގެ ގޮތުގައި ވާހަކަދެއްކެވީ އިތުރު ތައާރަފްއެއް ބޭނުން ނުވާ މަޝްހޫރު ކޮމްޕޯސަރު އަނޫ މަލިކްއެވެ. އަނޫ ވިދާޅުވީ، ގިނަ އަދަދެއްގެ ހުނަރުވެރި ބޭންޑުތަކުން އައިސްފައިވާއިރު އޭނާގެ އިހުތިޔާރު އޮތްނަމަ ވަގުތުން ޓޫއޮފްއަސްއަށް މުބާރާތް ކާމިޔާބުކުރުމުގެ ޝަރަފު އެރުވީސްކަމަށެވެ. އޭނާ ވިދާޅުވީ އަދުހަމްގެ އަޑުން އިވިގެންދިޔަ ”ގްރަންޖު ނޯޓުތައް“ އާދަޔާ ހިލާފުކަމަށެވެ. އަދި ލަވައިގެ ތެރެއިން އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި ކޮވެލި ގޮވުން ފަދަ އަޑުތައް އިއްވައިދިނުމަކީ ތަފާތު މިހާތަނަށް ފެނިފައިނުވާ ކަމެއްކަމަށެވެ.
އަނޫ ވިދާޅުވީ، ޕާފޯމެންސްގެ ތެރެއިން އިވެމުންދިޔަ އަޑުތަކާއިއެކު މަންޒަރެއް ސިފަވެގެންދިޔަކަމަށެވެ. އަދި ލަވަކިޔަމުން ދިޔައިރު އަދުހަމް ނަށަމުންވެސް ދިއުމުން މުޅި ޕާފޯމެންސްގައި ޖާދުވީ ކުލައެއް ޖެހިގެންދިޔަކަމަށާއި މިއީ ވޭދުވެދިޔަ އެތައް އަހަރެއްގެ ތެރޭގައިވެސް އޭނާއަށް ފެނިފައިވާ އެންމެ މޮޅު ހުށައެޅުންކަމަށެވެ. އެހެންކަމުން އިންޑިއާއަށް އައިސް ހުނަރުވެރިކަން ދައްކާލާފައިވުމަށްޓަކައި ޓޫއޮފްއަސް ބޭންޑަށް އިހުލާސްތެރި ޝުކުރެއް އަދާކުރެއްވިއެވެ.
މަޝްހޫރު ބޮލީވުޑް ލަވަކިޔުންތެރިޔާ ޝްރައްދާ ޕަންޑިތްވެސްވަނީ ޓޫއޮފްއަސްއަށް ތައުރީފު އޮއްސާލާފައެވެ. އޭނާ ވިދާޅުވީ، ޓޫއޮފްއަށްއަކީ 100 މީހުންނާއި އެއްވަރުގެ ބައެއްކަމަށެވެ. އަދި 10 އަކުން 10 އެއް ލިބެންޖެހޭކަމަށެވެ. ދުވަހުގެ ޕާފޯމެންސްތައް ނިމުމުން ޖަޖުންވަނީ އެންމެ މޮޅު ޕާފޯމެންސް ހޮވާފައެވެ. ދެވަނަ ދުވަސް ކާމިޔާބުކޮށްފައިވަނީ ޓޫއޮފްއަސްއިންނެވެ! ބޭންޑުން މައުލޫމާތު ދީފައިވާގޮތުން މާދަމާއިން ފެށިގެން ހަފްތާގެ ފައިނަލިސްޓުންގެ ދެމެދު ކުރިއަށް ގެންދާ އެޕިސޯޑުތައް ދައްކަން ފަށާނެކަަމަށެވެ. އަދި މި އެޕިސޯޑުތައް އިތުރަށް ފޯރިގަދަވާނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

