އިސްރާއީލުގެ ޕާސްޕޯޓުގެ މައްސަލައިގައި ގެނައި އިސްލާހަށް ބަދަލުތައް ގެނައުމަށް ލިބުނު ފުރުސަތުގެ ބޭނުން އެމްޑީޕީން ހިފާފައިނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ނާޒިމް ވިދާޅުވީ، މި މައްސަލައިގައި އިމިގްރޭޝަންގެ ލަފާ ހޯދާފައިވާކަމަކީ ގާބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުގައި މިކަމުގެ ވާހަކަތައް ދެކެވޭއިރު އެކަން ފާހަގަކުރެވިގެން ނުދާކަމަށް ހިއްސާކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، އިސްރާއީލުގެ ރައްޔިތަކު ޑުއަލް ޕާސްޕޯޓު ނުވަތަ އެހެނިހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެއަށް އައިސްފިނަމަ އެކަން ބެލޭނެ ގޮތެއް ނެތްކަމަށް އިމިގްރޭޝަނުން ލަފާ ދީފައިވާކަމަށެވެ. އަދި ދީނީ ސަބަބުތަކަށާއި އެހެނިހެން ސަބަބުތަކަށްވެސް އިސްރާއީލުގެ ރައްޔިތުކަން ބަލައިގަނެފައިވާ އެހެން ގައުމުތަކުގެ ރައްޔިތުންވެސް ރާއްޖެއަށް އަންނާނެކަމަށާއި އެހެންކަމުން އިމިގްރޭޝަނުން މި މައްސަލައިގައި ދީފައިވާ ލަފަޔަށް ކޮމިޓީ މަރުހަލާގައި ރިއާޔަތްކޮށްފައިވާނެކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ބިލުގައި މާ ބޮޑެތި ތަފްސީލުތަކެއް ނެތްނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ދާއިމީ ހައްލުތަކެއް އަންނަންޖެހޭކަމަކީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެންމެ ކުޑަމިނުން 1967 ވަނަ އަހަރު ކަނޑައެޅިފައިވާ ސަރަހައްދީ ރޮނގުތަކަށް ރިއާޔަތްކޮށްގެން އީސްޓް ޖެރޫސަލަމް ވެރި ރަށެއްގެ ގޮތުގައި ކަނޑައަޅައި މިނިވަން ދައުލަތެއް ގާއިމުވެގެންދާންދެން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބިގެން ގޮސްފައިވާކަމަށް ބަލައިނުގަނެވޭނެކަމަށެވެ.
އެހެންކަމުން މި ބިލު ފަރުމާކުރުމުގެ މަގުސަދަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ގާއިމުކުރުމުގެ އަމާޒު ހާސިލުކުރެވެންދެން ރާއްޖޭގެ ފަރާތުން އެކަމަށް ބާރުއެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުންކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ރަނގަޅު ހައްލަކާއި ހިސާބަށް ދެވިފައިވާކަމަށް ގަބޫލުކުރައްވާކަމަށާއި ސަބަބަކީ ޑުއަލް ސިޓިޒެންޝިޕްގެ މައްސަލައަށްވެސް ހައްލުތަކެއް ގެނެސްފައިވުންކަމަށެވެ.
މެމްބަރު ވިދާޅުވީ، މި ބިލު މެދުވެރިކޮށް އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި ރީތިކަމާއި އެކަމުގެ ހިތްހަމަޖެހުމާއި އަނިޔާވެރިކަން ދެމިއޮތް ހިނދު ލިބިނުދެވޭނެކަން ބުނެދެވިފައިވާކަމަށެވެ. އެހެންކަމުން ގެނެސްފައިވަނީ ރަނގަޅު އެދެވޭ އިސްލާހެއްކަމަށް ގަބޫލުކުރައްވާކަމަށްވެސް ހިއްސާކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ބިލު ހުށައެޅުއްވި މެމްބަރަށްވެސް އިތުރު އިސްލާހުތަކެއް ހުށައެޅުއްވުމުގެ ފުރުސަތު އޮތްކަމަށެވެ. އެގޮތުން ޑްރާފްޓުކޮށް ނިމުނު ފަހުންވެސް އަލުން އިސްލާހުތަކެއް ހުށައަޅައިގެން ބޭނުންވާފަދަ ހައްލުތަކެއް ގެނައުމަށް ފުރުސަތު ހުށައެޅުނުކަމަށާއި ނަމަވެސް އިސްލާހެއް ހުށައަޅުއްވާފައިނުވާކަމަށް ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިއަދު ބިލާއި ދެކޮޅަށް ވާހަކަތަކެއް ދެއްކުމުގެ ފުރުސަތު ނެތްކަމަށް ދެކިވަޑައިގަންނަވާކަމަށާއި ސަބަބަކީ އިސްލާހު ހުށައަޅަން ފުރުސަތު ލިބި އެކަމުގެ ބޭނުން ހިފާފައިނުވުންކަމަށެވެ. އަދި ބިލު ހުށައަޅާފައިވަނީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް މިކަން ކުރަން ނުކެރޭނެކަމަށް ދެކިގެން ނަމަކަށް ކަމަށްވެސް ގަބޫލުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ، އިސްލާހު ހުށައެޅީ މިކަމަކީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދެކިގެންކަމަށްވެސް ގަބޫލުކުރައްވާކަމަށާއި ނަމަވެސް ޕީއެންސީންވަނީ ޕާޓީގެ މެމްބަރުންގެ އިހުލާސްތެރިކަން ސާބިތުކޮށްދެއްވާފައިކަަމަށާއި ދާދި ފަހުން ރިޔާސަތު ބެލެހެއްޓެވި ދުވަހެއްގައި ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ލަސްވަމުންދާކަމަށް ބުނެ ކުއްލި މައްސަލައެއް ހުށައެޅުމުން ގަވައިދުން އެ މައްސަލައަށް ތަން ނުދޭކަމަށް ވިދާޅުވުމުން އެކަން އޮޅުވާލައިގެން އެމްޑީޕީގެ މަސްލަހަތު ހިމެނޭ ނޫސްތަކުން ގެނެސްދީފައިވާކަމަށެވެ.

