ދިރާގާއި ސްވިމް މޯލްޑިވްސް ގުޅިގެން މާލޭގައި ބޮޑު ފެތުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގާއި ސްވިމް މޯލްޑިވްސް ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން މާލޭގައި ފެތުމުގެ ރޭހެއް ކުރިއަށް ގެންދަން ރާވައިފައިވާ ކަމަށް ސްވިމް މޯލްޑިވްސްގެ ރައީސް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ސްވިމް މޯލްޑިވްސްއަކީ 2019 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ޖުމްލަ 12 ކުޑަކުދިން މޫދަށް ގެނބިގެން ނިޔާވެފައިވާ ކަމަށެވެ. އަދި އެކުންދުންގެ އެވްރެޖް އުމުރަކީ 6 އަހަރު ކަމަށް ޝަމީމް ވިދާޅުވިއެވެ. މިދިޔަ 5 އަހަރުގެ ތެރޭގައި 14 ބޮޑެތި މީހުން ނިޔާވެފައިވާކަމަށް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އެކި އެކްސިޑެންޓުތައް ދިމާވާނެ ކަމަށާއި އެހެންނަމަވެސް ރާއްޖެއިން ފަތަންނޭންގުން އެއްކޮށް ނައްތާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާކަމަށެވެ.
”އަޅުގަނޑުމެންގެ މަގުސަދަކީ ވީހާވެސް ގިނަ މީހުން ފެތުން މިއީ ކަސްރަތަކަށް ބޭނުންކުރެއްވުން. ދިވެހިރާއްޖެއަކީ 99.7 އިންސައްތަ މޫދު އޮތް ގައުމެއް. 0.3 ފަސެންޓު ރާއްޖޭގެ ބިމުގެ ޖާގައަކީ. މާނައަކީ ރާއްޖެއަކީ ސްރީލަންކާއަށް ވުރެ ބޮޑު ގައުމެއް، ހަމައެކަނި މަދީ ބިން އަޅުގަނޑުމެންގެ އޮތީ މޫދު. މިކަހަލަ ގައުމެއްގައި އަޅުގަނޑުމެން ގަބޫލުކުރަނީ ފެތުމަކީ ހާއްސަކޮށް ކުޑަކުދިންނަށް އެނގެން ޖެހޭ ކަމެއް ކަމަށް“
މި މުބާރާތް އޮންނާނީ ރަސްފަންނު ސަރަހައްދު ބޭރުގައި ކަމަށް ޝަމީމް މައުލޫމާތު ދެއްވިއެވެ. 2019 ވަނަ އަހަރު 220 މީހުން ގުޅުނު ކަމަށާއި މިއަހަރު އެއަށްވުރެވެސް ގިނައިން މީހުން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް ވިދާޅުވިއެވެ. މިފަހަރު ބާއްވަނީ 1 ކިލޯ މީޓަރުގެ ރޭހަކައި 250 މީޓަރުގެ ރޭހެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރުޝާން ހަސަން ވިދާޅުވީ ދިރާގާއި އެކު ”އޯޕަން ވޯޓަރ“ ގައި ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދަވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މިރުޝާން ވެސް ފާހަގަކުރެއްވި ގޮތުގައި މި ހަރަކާތަކީ ވަރަށް މުހިންމު މަގްސަދެއްގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. ގިނަ ބައެއްގެ ގައިގައި ފެތުމުގެ އާދަ ހަރުލެއްވުމަށް ހިންގާ ކަމެއް ކަމަށް މިރުޝާން ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް ސްވިމް މޯލްޑިވްސްގެ ވެބްސަޓު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި މުބާރާތައް ދިރާގުން 2019 ވަނަ އަހަރުން ފެށިގެން ދިރާގުން ސްޕޮންސަރޝިޕް ދޭކަން ޝަމީމް ފާހަގަކުރެއްވިއެވެ.

