އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުގެ މަސައްކަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާއެއް ކަމަށް އެކަމަށް ގިނަ ދުވަސްތަކެއް ނެގީ އެ ސަބަބާއިހުރެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ސަރުކާރުން އެކަން ނިންމަން އުޅޭކަން އެނގިގެން، އެކަން އެއީ ސަރުކާރުން ނުކުރާނެ ކަމެއް ހީކޮށް ސަރުކާރުން ފަހަތުފަޔަށް ބުރަވެގެން ނަމެއްގައި ކުރަން އުޅޭ ކަމެއްކަމަށް ދޭހަވާ ގޮތަށް ރައްޔިތުންނަށް ވިސްނައިދިނުމަށްޓަކައި އަދި މިއީ ވަރަށް ހީލަތްތެރި ވިސްނުމެއްގައި އިމިގްރޭޝަންގެ ގާނޫނަށް އެމްޑީޕީގެ މެމްބަރަކު ހުށައެޅި އިސްލާހެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ މި މައުލޫއަށް ވާހަކަ ދައްކަން ލިބޭ ބައިނަލްއަގުވާމީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ރައީސް ވަރަށް އަޑު ހަރުކޮށް އެވާހަކަ ދައްކަވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރުންގެ ބޭނުމަކީ ސަރުކާރަށް މިކަން ކުރަން ނުކެރޭނެ ކަން ރައްޔިތުންނަށް ދެއްކުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނިމިދިޔަ ދެދުވަހު ބިލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރާނެހެން ހީވީމީ އެބޭފުޅުންވެސް ތިބީ މިކަން ކުރަން ކެރިވަޑައިނުގަންނަވާނެ ކަމަށް ހީކޮށްގެންކަމަށް ޝުޖާއު ވިދާޅުވިއެވެ.
”މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މައިނޯރިޓީ ލީޑަރު، އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އެމަނިކުފާނަށް ލިބުން އެހެން ފުރުސަތެއްގައި އެހެން ރިޕޯޓަކަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސުވާލު އުފެއްދެވި ތިމަންނަމެން އޯކޭއޭ ވޯޓާއި ހަމައަށް ދާއިރު ވޯޓު ދޭނެއޭ، އެހެންނަމަވެސް ތިމަންނަމެންނަށް ޔަގީނޭ ރައީސް މުއިއްޒަކަށް ކެރިވަޑައި ނުގަންނަވާނެެއޭ މި ބިލު ތަސްދީގު ކުރާކަށްވެސް“
ޝުޖާއު ވިދާޅުވީ ޕީއެންސީގެ ވާދަވެރި އެތައް ބަޔަކު އަދި ކުރީގެ ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމްވެސް ރައްޔިތުންނަށް ދައްކަވަން ބޭނުންވީ ރައީސްއަށް އެކަން ކުރައްވަން ކެރިވަޑައިނުގަންނާވާނެ ކަމެއްގެ ގޮތުގައި ކަމަށެވެ. ޝުޖާއު ވިދާޅުވީ ރާއްޖެފަދަ ކުޑަ އިސްލާމީ ދައުލަތަކުން ކުރި ޖިހާދެކޭ ވިދާޅުވަނީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.
ޝުޖާއު ވިދާޅުވީ މި ބިލަކީ ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ގިނަ ދިރާސާތަކެއް ހެދިފައިވާ ބިލެއް ކަމަށެވެ. އެ ބިލު 241 ކޮމިޓީގައި ވަރަށް ގިނަ ދުވަހު ދިރާސާ ކުރެވުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިކަމުގައި ހިތާމަކުރަންޖެހޭ ކަމަކީ އެކަން ސަރުކާރަށް ނުކުރެވޭނެ ކަމަށް ވަކާލާތުކުރަމުންދިޔަ އެމްޑީޕީން ދިރާސާ މަރުހަލާގައި އެ ޕާޓީގެ މެމްބަރުންނަށް ދެއްވި އެއްވެސް ފުރުސަތެއްގެ ބޭނުން ހިއްޕަވާފައި ނެތުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން ޝުޖާއު ވިދާޅުވީ މިއީ ވަރަށް ބޮޑު ނިންމުމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރެވޭނީވެސް ވަރަށް ކެރިގެން ކަމަށާއި އެމްޑީޕީންވެސް މިކަން ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިސައްކަތް ކުރީ ވަރަށް ފުޅާކޮށް ކަމަށާއި، ރާއްޖޭގެ ހުރިހާ ފިކުރެއްގެ މީހުންގެ ކަންބޮޑުވުންތައްވެސް އަޑުއަހާ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމަކަށް ވުމާއެކު އެކަމުގެ ތެރެއިންވެސް ތިބި މީހުންނާއި މަޝްވަރާކޮށް އެމީހުންގެ ހިޔާލުތައްވެސް އަޑު އަހައިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

