10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އަރައި މިއަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުގައިވާ ގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލައި މި އަހަރު ދަށްވެފައި ވަނީ ކުޑަ މިންވަރަކުންނެވެ. އެގޮތުން 10 އޭޕްރިލްގެ ނިޔަލަށް މި އަހަރު 8.7 ބިލިއަން ރުފިޔަން ރުފިޔާ ލިބުނުއިރު ކުރީ އަހަރު އެ އަދަދު ހުރީ 8.8 ބިލިއަން ރުފިޔާގަ އެވެ.
ޓެކްސް ނޫން އާމްދަނީ މި އަހަރު އެއް ބިލިއަން ރުފިޔާއިން އިތުރުވި އެވެ. އެއީ ކުރީ އަހަރު 1.9 ބިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު އެ އަދަދު 2.5 ބިލިއަންއަށް އަރާފައިވާތީ އެވެ.
މިއާއި އެކު މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ ކުރީ އަހަރާއި އަޅާބަލައި އިތުރުވެފައި ވެއެވެ. އެގޮތުން މި އަހަރުގެ އޭޕްރިލް 10 ގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބުނުއިރު އެ އަދަދު މިދިޔަ އަހަރު ހުރީ 43.6 މިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ:
| 10 އޭޕްރީލް 2025އާ ހަމައަށް | 10 އޭޕްރީލް 2024އާ ހަމައަށް | |
| ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ | 8.7 ބިލިއަން ރުފިޔާ | 8.8 ބިލިއަން ރުފިޔާ |
| ޓެކްސް ނޫން އާމްދަނީ | 2.5 ބިލިއަން ރުފިޔާ | 1.9 ބިލިއަން ރުފިޔާ |
| ހިލޭ އެހީ | 56 މިލިއަން ރުފިޔާ | 43.6 މިލިއަން ރުފިޔާ |
10 އޭޕްރީލްއާ ހަމައަށް ހޭދަވި ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެގޮތުން، އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 327.2 މިލިއަން ރުފިޔާ އެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މިއަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިއަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިއަން ރުފިޔާ އެވެ.
10 އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއާ އެކު، މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިއަން ރުފިޔާގެ ޑެފިސިޓްގަ އެވެ.

