ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން އިތުރު ދައުވާ ހުށަހަޅައިފިއެވެ.
ފަސްޓްލޭޑީގެ ފަރާތުން މި މައްސަލައިގައި ދައުވާ ހުށަހަޅާފައިވަނީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. އެގޮތުން ދައުވާ ހުށަހަޅާފައިވަނީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދި) އަދި އެމްޑީޕީގެ މައްޗަށެވެ.
މި މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ދަރިކަލުން އުމައިރު މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއްގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރި ކޮށްދިނުމުގެ ހައްގު ނިގުޅައިގެން ކަމަށް ބުނެ މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެ ފެމިލީ ކޯޓުގައިވެސް ވަނީ ދައުވާ އުފުލާފައެވެ.
މި ދައުވާތައް އުފުލީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ހައްގަށް އަރައިގަތުމާއި ކުޑަކުދިންގެ ކާރާމާތާއި ރައްކާތެެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަގުސަދުގައިކަމަށް ލޯފާމުން ވަނީ ފާހަގަކޮށްފައެވެ.
ސިލްސިލާ އެއްވުމެއްގައި މަންދީ ވަނީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅުވައި ސަރުކާރަށް ފާޑުކިއުމުގެ ގޮތުން އުމެއިރުގެ ނަން ބޭނުންކޮށްފަ އެވެ. އޭނާ ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރީ އުމެއިރުގެ ސަބަބުން ކަމަށެވެ. މިއީ ދިވެހި ޒުވާނުންނަށް ދޭ އަނިޔާއެއްކަމަށް ބުނެ މަންދީ ވަނީ އުމެއިރު ހިމެނޭ ގޮތަށް ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
މި މުޒާހަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދަކީ ފެއިލްވެފައިވާ މަންމައެއްގެ ގޮތުގައި ސިފަކޮށް ވެސް މަންދި ވާހަކަ ދެއްކި އެވެ.
އެވާހަކަތައް ވަރަށް ބޮޑަށް ވައިރަލްވެ، އުމެއިރުއާއި އެހެން ކުދިންގެ ފޮޓޯތައް އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އާންމު ކުރި އެވެ. އެ މައްސަލައިގައި މަންދީގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް ނިންމެވީ ސާޖިދާ އެވެ. އަދި ވިދާޅުވީ 18 އަހަރު ނުވާ ކުއްޖަކާއި ގުޅުވައި އެމްޑީޕީގެ ޖަލްސާގައި މަންދީ ވާހަކަ ދެއްކިއިރު އުމެއިރަކީ އަދި ސްކޫލު ދައުރު ވެސް ފުރިހަމަ ނުވާ ކުއްޖެއްކަމަށެވެ.
އެހެންކަމުން ކުއްޖާގެ މުސްތަގުބަލަށް އަސަރު ކުރާފަދަ އެތައް ވާހަކައެއް ދެއްކުމުން، އެކަމާއި ދެކޮޅަށް މަންމައެއްގެ ހައިސިއްޔަތުން ނިކުންނާނެކަމަސް ވިދާޅުވި އެވެ.
އެހެންވެ މަންދި ދެއްކި ވާހަތަކުގެ ސަބަބުން އުމެއިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެފައިވާކަމަށާއި، ކުއްޖާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާނޭ ހާލަތެއް މެދުވެރިވެފައިވާކަމަށް ބަޔާންކޮށް މަންދީގެ މައްޗަށް މީގެ ކުރިންވެސް ދައުވާއެއް ހުށަހަޅާފައިވެއެވެ. އެގޮތުން އެ މައްސަލައިގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ބައިނަލްއަޤުވާމީ މުއާހަދާ ކޮންވެންޝަން އޮން ރައިޓްސް އޮފް ޗައިލްޑްއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާކަމަށް ބުނެ އެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގު ނިގުޅައިގަނެ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރި ކުރުމުގެ ހައްގު ނިގުޅައިގެންފައި ވާތީ ސާޖިދާގެ ފަރާތުން މި މައްސަލަ ހުށަހެޅީކަމަށް ވެއެވެ.

