ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓުގެ ފަހަތުގައިވާ މޭސްތިރިޔަކީ ކާކުކަން އެނގޭކަމަށް ރަޝިއާއިން ބުނެފިއެވެ.
ދާދި ފަހުން ފަރުދާވެގެން ހިންގަމުންދާ އެކްސް އެކައުންޓަކުންވަނީ ރާއްޖެއާއި ރަޝިއާގެ ސަރުކާރުގެ ދެމެދު ހަތިޔާރުތަކެއްގެ މުއާމަލާތްތަކެއް ކުރެވެމުންދާކަމުގެ ތުހުމަތުކޮށްފައެވެ. އަދި އެކަމުގެ ތެރެއަށް އެމެރިކާގެ ސަރުކާރުން ވަނުމަށް އެދިފައިވެއެވެ. މިކަމަށް އަލިއަޅުއްވައި ރަޝިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ލެވޭން ޒެގޭރިޔަންވަނީ ބަޔާނެއް އާންމުކުރައްވާފައެވެ.
ސަފީރު ލެވޭން ވިދާޅުވީ، ކުރުސީގެ ނަމުގައި ހިންގަމުންދާ އެކްސް އެކައުންޓުން ރާއްޖެއާއި ރަޝިއާގެ ދެމެދުގެ ހާރިޖީ ގުޅުމަށް ގެއްލުންތައް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް އިޝާރާތްކުރައްވާފައެވެ. ސަފީރު ވިދާޅުވީ، ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ އައިޑީގެ ފަހަތުގައިވާ މޭސްތިރިޔަކީ ކާކުކަން އެ ގައުމަށް އެނގޭކަމަށެވެ. އެހެންކަމުން ރަޝިއާ އަދި އެމެރިކާގެ ދެމެދު މިވަގުތު ހިންގަމުންދާ ބިނާކުރަނިވި މަޝްވަރާތަކުގެ ތެރެއިން ދަތިތައް ކުރިމަތިވެގެންދާ ފަދަ އަމަލުތައް ނުހިންގުމަށް އެދޭކަމަށެވެ.
ރަޝިއާއިން ބުނެފައިވާގޮތުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަސައްކަތްތަކެއް ކުރައްވަމުންދާކަން ފެނިގެންދާކަމަށެވެ. އަދި ރަޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ އެދެވޭ އެއް މަންޒިލުކަމަށްވާއިރު އެވެރިން ރާއްޖެއަށް އައުމަކީ މާލީ ހާލަތު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ލެވާންވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ކުރުސީގެ ނަމުގައި އައިޑީއެއް ހިންގަމުންދަނީ މިވަގުތު ޔޫރަޕުގައި ފިލައިގެން ހުރި މީގެ ކުރިން ސިޔާސީ މައިދާނުގެ މަތީ ފަޑީގައި ހުންނެވި ބޭފުޅެއްކަމަށެވެ. އަދި އޭނާ ހިންގާ އަމަލުތަކުގެ ސަބަބުން ރާއްޖެއާއި ރަޝިއާގެ ދެމެދު އޮތް ގުޅުމަށް ގެއްލުންތައް ވެގެންދާން ރާއްޖޭގެ ލީޑަރުން ފުރުސަތު ނުދެއްވާނެކަމަށް ގަބޫލުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

