ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީގެ ވާހަކަތައް ދެއްކިޔަސް ރައީސް ނަޝީދުގެ ކިބައިން އެ ސިފައެއް ނުފެނޭ: ރީކޯ

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރެސީގެ ވާހަކަތައް ދެއްކެވި ނަމަވެސް އެ އުސޫލު ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ފެނިގެން ނުދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ވަކި މީހަކު ނުލާ ނުވަތަ ވަކި މީހަކު ހުރެގެން ހިންގާނެ ޕާޓީއެއް ނޫންކަމަށެވެ. އަދި އޭނާއަކީވެސް ވަރަށް ދުވަހު އެމްޑީޕީގައި މަސައްކަތްކުރެއްވި މީހަކަށްވާއިރު ވަކި ހިސާބަކުން އެމްޑީޕީން ބޭރުކޮށްލީކަމަށް ފާހަގަކުރެއްވިއެވެ. މޫސަ ވިދާޅުވީ، އެމްޑީޕީން ބޭރުކޮށްލުމުން ޕާޓީއަކާއި ނުގުޅި ހުންނެވުމަށްފަހު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ދުވަސްވަރު އޭނާއާއި ނުލާވެސް އެމްޑީޕީން 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރިކަމަށެވެ.

އެހެންކަމުން ސިޔާސީ މަސައްކަތްތަކަށް ބަލާއިރު އެމްޑީޕީގެ ތެރޭގައި ގިނަ އަދަދެއްގެ ފާހަގަކުރެވޭ ބޭފުޅުން ތިއްބެވިކަމަށް ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީއަކީ ހަގީގަތުގައި ބޮޑެތި މީހުންނަށް ބަލައިގެން ހިންގާ ޕާޓީއެއް ނޫންކަމަށާއި ޕާޓީގެ ރޫހަކީ އާންމު މެމްބަރުންކަން ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ އިސް މެމްބަރުންނަށް ކަންކަން ކުރިއަށް ގެންދެވެނީ އާންމު މެމްބަރުންގެ ތާއީދާއިއެކުކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މޫސަ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހަނދާން ނައްތާލުމަށްފަހު ޕާޓީ ދޫކޮށް ވަޑައިގެންފައިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ދެ ޕާޓީއަކީ ޑީއާރްޕީއާއި އެމްޑީޕީކަމަށްވާއިރު ޑީއާރްޕީ ބައިބައިވަމުން ގޮސް، މިހާރު އޮތީ ހަވަނަ ޕާޓީގައިކަމަށެވެ. މޫސަ ވިދާޅުވީ، ޑީއާރްޕީއަކީ އެމްޑީޕީއާއި ދެކޮޅު ހުުދުމުހުތާރު ފިކުރުތައް ގެންނަ ޕާޓީއެއްކަމަށާއި ނަމަވެސް އޭރު ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަހުމަދު ތަސްމީން އަލީ ދެމެދު އުފެދުނު މައްސަލައިގެ ތެރެއިން ނިމިގެންދިޔައީ ޑީއާރްޕީގެ ބާރުތައް އާއިލީ ބޭފުޅަކަށް ފުރޮޅާލުމަށްކަމަށެވެ. އެގޮތުން އުމަރު ނަސީރު ފަދަ ބޭފުޅުން ފެއަށް ޖެއްސުމަށްފަހު ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އަތް މައްޗަށް ޕާޓީ ގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.

މޫސަ ވިދާޅުވީ، އެއަށްފަހު ޕާޓީ ވަރުގަދަވެ ޕީޕީއެމްއަށް ބަދަލުވެ މިހާރު ޕީއެންއެފްއަށް ބަދަލުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި އުފެދިގެން އައި މައްސަލަތަކުގެ ތެރޭގައި ކުރީބައިގައި ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާނުކުރެއްވުން ހިމެނޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝުރުތުތައް ހަމަވާ މީހަކު ވެރިކަން ކުރުމުގައި ނުވަތަ ޝައުގު ހުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި ވެރިކަން ގޭތެރޭގައި ބޭއްވުމުގެ ހިޔާލު ރައީސް ނަޝީދަށް ގެންގުޅެވިފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އޭނާގެ ނަޒަރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ އާއިލީ ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށް ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނަށް ވިސްނިވަޑައިގެންފައިވާ ގޮތަށް ރައީސް އޮފީހަށް ފަދަ ތަންތަނަށް ވަދެވެންޖެހޭކަމަށް ރައީސް ނަޝީދަށްވެސް ގަބޫލުކުރެއްވިފައި އޮތްކަމަށް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ޑިމޮކްރެސީގެ ވާހަކަތައް ދެއްކެވި ނަމަވެސް ރައީސް ނަޝީދަކީ އެ އުސޫލުގެ ބޭފުޅެއްގެ ގޮތުގައި ފެނިގެން ނުދާކަމަށާއި އޭނާ އަދި އިބްރާހިމް އިސްމާއިލްގެ އިތުރުން ޑރ. މުނައްވަރު އާއި އަލްހާން ފަހުމީ ފަދަ ބޭފުޅުންނާއިމެދު ކަންކަން ކުރެއްވި ގޮތުން ފެނިގެންދާކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ މޮޅު ވާހަކަތައް ދައްކަވާނަމަ އިސްވެ ފާހަގަކުރެއްވި ކޮންމެ ބޭފުޅަކަށްވެސް އެމަނިކުފާނުގެ ގާތުގައި ހުރެވިދާނެކަމަށާއި ގޯހުން ކަމެއް ކުރާ ވާހަކަތައް ދައްކާނަމަ ރައީސް ނަޝީދަށް އެ މީހަކު ބަލައިނުގަނެވޭކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: