ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ވަގުތީ ޖަލެއް އެޅުމަށްޓަކައި ހުޅުމާލޭ ޖަލާ އިންވެގެން އޮތް ހުސް ބިން ހަމަޖައްސައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވި ގޮތުގައި، މި ބިން ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ކަރެކްޝަނަލް ސަރވިސްއާއެކު މަޝްވަރާކުރުމަށްފަހު، ވަގުތީ ޖަލެއް އެޅުމަށް އެ ބިން ކަރެކްޝަނަލް ސަރވިސްއަށް ދޫކުރުމަށް އެއްބަސްވެވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ އެންމެ މުހިންމު އެއް ވިސްނުމަކީ، މިހާރު އެކި ރަށްރަށުގައި ވަކިވަކިން ހިންގަމުން އަންނަ ޖަލުތައް އެއްކޮށްލައި، މައި އެއް ޖަލަކުން ހުރިހާ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މި ގޮތުން އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސެންޓްރަލް ޖަލުގެ މަސައްކަތް ނިންމުމަށް ގާތްގަނޑަކަށް 3 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭތީ، މިހާރު ޖަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މި ވަގުތީ ޖަލު އެޅުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޖަލު ހިންގުމަށް މަހެއްގެ މައްޗަށް ގައިދީއެއްގެ ބޮލަކަށް 27,000 ރުފިޔާ ޚަރަދުވާ ކަމަށާއި، މި ޚަރަދު ކުޑަކުރުމަށްޓަކައި ސެންޓްރަލް ޖަލެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، އެކި ބާވަތުގެ ކުށްތަކުގައި ތިބޭ ގައިދީން ބެލެހެއްޓުމުގެ ކަންކަން މިހާރެކޭ އެއްގޮތަށް ވަކިން ކުރިއަށް ގެންދާނެއެވެ.
”މި ޖަލަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފަރުވާއާއި ރިހެބިލިޓޭޝަން ފަރުވާ ގައިދީންނަށް ދެވޭނެގޮތަށް ފަރުމާކުރެވޭ ތަނަކަށް ވެގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.

