ތިލަފުށި ޕޯޓް ޑެވެލޮޕްމެންޓްގެ ޕްލޭނަކީ 50 އަހަރުގެ މާސްޓަރ ޕްލޭނެއް ކަމަށާއި ތިލަފުށި ޕޯޓްގެ މަސައްކަތް ނިމުމާއިކުއެ އެމްޕީއެލްގެ މަސައްކަތްތަކަށް ބޮޑެތި ލުއިތަކެއް އަންނާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޕީއެލްގެ މަސައްކަތްތަކުގެ ތެރެއިން ތިލަފުށި ޕޯޓް ޑެވެލޮޕްމެންޓްގެ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ”ފުރަމެންދުރު ޕްރޮގްރާމްގައި“ އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސެއިން ނައީމް ވިދާޅުވީ އޮޕަރޭޝަންސް ހިންގުމުގެ މަސައްކަތް ކުރަމުން ދަނީ ކުޑަ ޖާގައެއްގައި ކަމަށެވެ. ނައީމް ވިދާޅުވީ މީގެ 39 އަހަރު ކުރިޔަށް ބަލާއިރު އެއީ އެކަށީގެންވާ ޖާގައެއްކަމަށް ވެދާނެކަމަށާއި އެހެން ނަމަވެސް އިގްތިސާދަށް އަންނަ ކުރިއެރުންތަކާއި އެކު ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރި އެވެ.
ނައީމް ވިދާޅުވީ މުދާ ވީހާވެސް އަވަހަށް ކްލިއާރ ކުރަން ޖެހޭކަމަށާއި، ކޮންޓެއިނަރުތައް ކްލިއަރ ކުރަން ޖެހޭ މިންވަރަށް ބަލާއިރު މިހާރު އޮތީ ޖާގައިގެ ގޮތުން ވަރަށް ކުޑަ ޕޯޓެއް ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން މަސައްކަތްތައް މެނޭޖު ކުރެވެނީ ކިރިޔާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ، މާލޭގެ ޖާގައިގެ ދަތިކަމާއި ހުރެ ހުޅުމާލޭގައި ވެސް އެމްޕީއެލްއިން ބޮޑު ސަރަހައްދެއް މަސައްކަތަށް ބޭނުން ކުރަމުންދާ ކަމަށެވެ.
މި ހުރިހާ މައްސަލައެއް ވެސް ތިލަފުށީގެ ބަނދަރާއި އެކު، ހައްލުވެގެން ދާނެކަމަށް ނައީމް ވިދާޅުވި އެވެ. އަދި އެހާހިސާބުން މާލޭގެ ބަނދަރަށް މުދާ ކްލިއާރ ނުކުރާނެކަމަށް ވެސް ވިދާޅުވި އެވެ.
”ތިލަފުށީގައި ބަނދަރު ހެދުމާއިއެކު މާލޭގެ ބަނދަރަކަށް މުދާ ކްލިއަރއެއް ނުކުރާނެ. އެހެންކަމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ އޭގެސަބަބުން“
މީގެއިތުރުން އެމްޕީއެލްގެ ޗީފް ސްޓްރެޓެޖީ އޮފިސަރ މުހައްމަދު އަމީޒް ވިދާޅުވީ ތިލަފުށިން ގާތްގަނޑަކަށް އެމްޕީއެލްއަށް 60 ހެކްޓަރުގެ ބިމެއް އެމްޕީއެލްއަށް ސަރުކާރުން ހަމަޖައްސައިދެއްވާފައިވާ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ޕޯޓުގެ 50 އަހަރުގެ މާސްޓަރ ޕްލޭނެއް ހަދާފައިވާކަމަށް އަމީޒް ވިދާޅުވިއެވެ. އެ މާސްޓަރ ޕްލޭންގެ ދަށުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އަމީޒް ވިދާޅުވިއެވެ.
އަމީޒް އިތުރަށް ވިދާޅުވީ އެމްޓީސީސީއާއި ގުޅިގެން އިންޓަރ ގްރޭޓެޑް ލޮޖިސްޓިކްސް ޓާމިނަލްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބަލްކު ޓާމިނަލްއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް އަމީޒް ވިދާޅުވިއެވެ.
އަމީޒް ވިދާޅުވީ އެ މަސައްކަތްތައް ނިމުނު ކަމުގައި ވީނަމަވެސް އަދި އެމްޕީއެލްގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލު ނުކުރޭވެނެ ކަމަށެވެ. މިހާރުގެ މަސައްކަތައް ބަލާއިރު އެމްޓީސީސީއަށް މިހާރު ހަވާލުކުރެވިފައިވާ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމާލުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އަމީޒް ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އަޕްޑޭޓެއް ދެންޏާ ދެވޭނީ އެމްޓީސީސީއަށް ހަވާލުކުރި މަސައްކަތް 1 ނުވަތަ 2 މަސްތެރޭގައި ނިންމާލެވޭނެ ކަމަށް. ދެން އެއާއިއެކު ވަރަށް ބޮޑު ލުއިތަކެއްވެސް ލިބިގެންދޭ މިވަގުތު މާލެއާއި ހުޅުމާލޭގައި ދިމާވާ ކޮންޖެޝަން. އަޅުގަނޑުމެންގެ އެމްޓީ ކޮންޓެއިނަރ ސްޓޮކް އެކޮޅަށް އެބަ ގެންދެވޭ. ގެންގޮސްފައި މާލެއަށް ކޮމާޝަލް ހާބަރ ޖާގައަށް އެބަ އާދޭ ލުއި ތަކެއްވެސް“
މީގެއިތުރަށް އަމީޒް ވިދާޅުވީ ކިމަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނީ މަސައްކަތްތައް ޖުމްލަގޮތެއްގައި ތިލަފުއްޓަށް ބަދަލުކުރެވުމުން ކަމަށެވެ.

